އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއާއެކު ބާސާއިން ހަދާފައިވާ 555 މިލިއަން ޔޫރޯގެ ބިޔަބޮޑު އެއްބަސްވުން ފަޅާއެރި މައްސަލަ ހޫނުވެ، އެކަން ކުރި މީޑިއާއަށް ދައުވާކުރަން ބާސެލޯނާއިން ނިންމައިފިއެވެ.

މި އެއްބަސްވުމަކީ 2017 ވަނަ އަހަރު މެސީއާއި ބާސެލޯނާއާއި ދެމެދު ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ކޮޕީއެއް ލީކުކޮށްލާފައިވަނީ ސްޕެއިންގެ ނޫހެއް ކަމަށްވާ "އެލް މުންޑޯ" އިންނެވެ. މި ނޫހަކީ ސްޕެއިންގެ ކުޅިވަރު ހަބަރުތައް ގެނެސްދޭ އިތުބާރުހުރި ފަރާތެކެވެ. މ

މި އެއްބަސްވުމުގައި ވާގޮތުން މިއަހަރުގެ ޖޫންގައި މެސީއާއެކު ބާސާގެ ކޮންޓްރެކްޓް ހަމަވާއިރު، އިތުރު ބޯނަސްއަކާއެކު އެހެނިހެން ގޮގްތޮތުން ިލބޭ އާމްދަނީއާއެކު އަހަރެއްގެ ތެރޭގައި މެސީއަށް 138 މިލިއަން ޔޫރޯ ލިބެއެވެ. އެއްބަސްވުން ހަމަވާން ކުޑަތަންވެފައިވާ އިރު، މިހާތަނަށް މި އެއްބަސްވުމުގެ ދަށުން 510 މިލިއަން ޔޫރޯ މެސީއަށް ލިބިފައިވެއެވެ.

މެސީއަށް ބޮޑު މުސާރައެއް ދޭއިރު ބާސެލޯނާ އޮތީ ކަރުތާފެނުގައެވެ. އެ ކުލަބުގެ ދަރަނި ބޮޑުވެ، ކުޅުންތެރިންތަކެއް ވިއްކާލައިގެން އެތަން ފޫބެއްދުމަށް މީގެކުރިން އެ ކުލަބުން މަސައްކަތްތަކެއް ކޮށްފައިވެއެވެ. ކޮވިޑްގެ ހާލަތުގެ ތެރޭގައި ކުލަބް ވަރަށް ބޮޑަށް އަޑިއަޅާލައިގެން ދިޔައިރު، ކުލަބުގެ ދަރަނި މިހާރު އުޅެނީ 1.2 ބިލިއަން ޔޫރޯގައެވެ. މި އަދަދު އިތުރުވުން އެކަށީގެންވެއެވެ.

އެއްބަސްވުން ލީކުވި މައްސަލައިގައި ބާސާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށާއި މި އެއްބަސްވުން ލީކުވުމުގައި ބާސާގެ އެއްވެސް ދައުރެއް ނޯންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"މި އެއްބަސްވުމަކީ މެސީއާއި ބާސާއާއި ދެމެދު ވެފައިވާ ސިއްރު އެއްބަސްވުމެއް، މި ޕްރޮފެޝަނަލް އެއްބަސްވުން ހާމަކުރުމުގައި ބާސާގެ އެއްވެސް އަތެއް ނުވާނެކަމުގެ ޔަގީންކަން އަރުވަން، މި ހަޑިހުތުރު އަމަލުގެ ސަބަބުން ކުލަބުގެ ނަން ކިލަނބުވެފައިވޭ، އެހެންކަމުން އެ ފަރާތަށް ކުލަބުން ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ވާހަކަ ދަންނަވަން" ބާސާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މެސީއާއެކު އިތުރު އެއްބަސްވުމަކަށް ދިއުމަށް ބާސާއިން އަންނަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ބެލެވޭގޮތުގައި މިއަހަރު އެއްބަސްވުން ހަމަވުމަށްފަހު އިތުރު އެއްބަސްވުމަކަށް ނުގޮސް، ކުލަބް ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާސްޓަރ

    ދެފަރާތުގެ ސިއްރު އެއްބަސްވުމެއް ލީކްވެފައިވަނީ ކުލަބުގެ ތެރެއިން. މަތިޖަހަން އުޅުނަސް ރެކެވޭނެ ގޮތެއް ނޯންނާނެ. ނޫހަކަށް މިފަދަ މަޢުލޫމާތެއް ލިބިއްޖެނަމަ ޝާޢިޢު ކުރުމަކީ އެނޫހަކަށް ލިބިގެންވާ ހައްޤެއް. އަދި އަމުދުން ދޮގު މަޢުލޫމާތެއް ނުހިމެނޭ ސައްޙަ އެއްބަސްވުމެއް އޮޅުވާލުމެއްނެތި ހާމަކުރުމުމުން އެނޫހަކަށް ތަޢުރީފް ހައްޤު.

    14