ފްރެންޗް ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ލޮރިއެންޓް އަތުން ބަލިވެ ތާވަލުގެ ތިންވަނައަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ވެއްޓިއްޖެއެވެ.

ލޮރިއެންޓްގެ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ ބަލިވެފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. މިއީ އެ ޓީމުގެ ކޯޗުކަމާއި ޕޮޗެޓީނޯ ހަވާލުވިފަހުން އެ ޓީމު ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ވެސް ލޮރިއެންޓް އެވެ. މި ލަނޑު 36 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޯރެންޓް އެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ޕީއެސްޖީން ނަތީޖާ ހަމަހަމަކުރި އެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޭމާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ޕީއެސްޖީން ފެށި ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ޕީއެސްޖީއަށް އަނެއްކާވެސް ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވަނީ ނޭމާ އެވެ. ލޮރިއެންޓް ޓީމުން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމުން ނަތީޖާ ހަމަހަމަކުރި ލަނޑު ކާމިޔާބުކޮށްދިނީ ޔޯނޭ އެވެ. މެޗުން އެ ޓީމު މޮޅުވި ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޓެރެމް މޮފީ އެވެ.

މި މެޗާއި ކުރިމަތިލި ޕީއެސްޖީ ޓީމުގެ ތަރިން ކަމަށްވާ ނޭމާ، އެމްބާޕޭ، ޑިމާރިއާ އަދި އިކާޑީ އެއްކޮށް ޖުމްލަ އަގަކީ 513 މިލިއަން ޔޫރޯ އެވެ. ލޮރިއެންޓް ގެ ބަޖެޓަީ މީގެ ކުޑަ މިންވަރެކެވެ. އެއާއެކު ގިިނަ ބައެއްގެ ފާޑުކިޔުން ދަނީ ޕީއެސްޖީއަށް އަމާޒުވަމުންނެވެ.

"މި ނަތީޖާ ގަބޫލުކުރަން ދަތި، ޓީމުގައި މައްސަލަތަކެއް އެބައުޅޭ، އެކަންކަން ހައްލުކުރަން މަސައްކަތްކުރާނަން، " މެޗަށްފަހު ޕޮޗެޓީނޯ ބުންޏެވެ.

މި ނަތީޖާއާއެކު ޕީއެސްޖީ މިހާރު އޮތީ ދެވަނާގައި އޮތް ލިޔޯންއަށްވުރެ ޕޮއިންޓެއް ފަހަތުގައެވެ. އަދި އެއްވަނާގައި އޮތް ލިލްއާ ދެމެދު ތިން ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.