ޖެނުއަރީ މަހުގެ ޓްރާންސްފަރ ބާޒާރުގެ މުއްދަތު ރޭ ހަމަވާން ގާތްވެފައިވަނިކޮށް އިނގިރޭސި ކުލަބް ލިވަޕޫލުން ޖަރުމަނުގެ ޝާލްކޭ އަށް ކުޅެމުން އައި ތުރުކީގެ ޒުވާން ޑިފެންޑަރު އޮޒާން ކަބަކް އާއި އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޕްރެސްޓަންގެ ޑިފެންޑަރ ބެން ޑޭވީސްގެ ސޮއި ހޯދައިފިއެވެ.

މި ދެ ކުޅުންތެރިންގެ ތެރެއިން ކަބަކް އަކީ ލޯނު އެއްބަސްވުމެއްގެ ދަށުން އެއް މިލިއަނަށް މި ސީޒަނުގެ ނިޔަލަށް މަޑުކުަުރާގޮތަށް ގެނައި ކުޅުންތެރިއެކެވެ. ޕްރިސްޓަންގެ ޑިފެންޑަރ ބެން ޑޭވީސް އަކީ ދެ މިލިއަން ޕައުންޑަށް ގެނައި ކުޅުންތެރިއެކެވެ. އޭނާ އެ ކުލަބަށް ގެނައީ އެއްބަސްވުމެއްގެ ދަށުން ކުލަބުގައި ހުންނަ ގޮތަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި ދެ ކުޅުންތެރިން ގަތުމަށް ލިވަޕޫލުން ޖުމްލަ ހަރަދުކޮށްފައިވަނީ ތިން މިލިއަން ޕައުންޑެވެ. އެންމެ ފަހުވަގުތު ދެ ޑިފެންޑަރުން އެ ޓީމުން ގެނައީ ޓީމުގައި ތިބި ޑިފެންޑަރުންނަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލަ ބޮޑުވުމާއި ގުޅިގެންނެވެ. އެގޮތުން އެ ޓީމުގެ އެންމެ މުހިއްމު ޑފެންޑަރުންނަށް އަނިޔާވެފައިވާއިރު، އެ މައްސަލައަށް ހައްލެއް ގެނައުމަށް އެ ކުލަބުން ގިނަ މަސައްކަތްތަކެއް ކުރިއެވެ.

އެންމެފަހުން ލިވަޕޫލުން އަނިޔާވެފައިވަނީ އެ ޓީމުގެ ފަހަތަށް ކުޅެމުންއަންނަ ޖޮއެލް މަޓިޕް އެވެ. އޭނާއަށް ލިބުނު ބޮޑު އަނިޔާއާއި ގުޅިގެން މި ސީޒަނުގައި އޭނާ ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ލިވަޕޫލުން އަނިޔާވެފައިވާ ކުޅުންތެރިންގެ ލިސްޓަށް ބަލާއިރު އެ ކުލަބްގެ އެންމެ އިތުބާރު ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެންޑައިކް އާއި ޖޯ ގޯމޭޒް އަށް ވަނީ ބޮޑު އަނިޔާއެއްވެ ކުޅުމާއި ދުރަށްދާން ޖެހިފައެވެ. އެނބުރި އަންނާނެ ސީދާ މުއްދަތެއް އެ ކުލަބުން ހާމައެއް ނުކުރެއެވެ.

ލިވަޕޫލަށް ކުރިމަތިވި މި ކަންތަކާއި ގުޅިގެން އެ ކުލަބުން ނެރެމުންދާ ނަތީޖާތަކަށްވެސް އަސަރުކުރެއެވެ. އެހެންކަމުން އެ ކުލަބުގެ ކޯޗު ކްލޮޕް އެހެނިހެން ގޮތްގޮތުން ޓީމު ހަމަޔަކަށް އަޅުވަން ޖެހުނު ފަހަރުތައް މަދެއް ނޫނެވެ.