ޔޫތު މިނިސްޓްރީ އިން ތ.މަޑިފުށީގައި މުޅިން އަލަށް ޒުވާނުންގެ މަރުކަޒެއް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.

ތ.މަޑިފުށީ ޒުވާނުންގެ މަރުކަޒުން ޚިދުމަތްދޭން ފަށާފައިވާއިރު ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ހަސަން ނިޝާއު އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އައިފާން ވަނީ ތ.އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކުގެ އިތުރުން ޒުވާނުންނާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކުގައި ވަނީ ޔޫތު މިނިސްޓްރީއިން ތ.އަތޮޅުގެ ރަށްރަށުގައި ކުރިޔަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މަޑުޖެހިފައި ހުރި މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އަދި މިދެބޭފުޅުންގެ ދަތުރުގައި ތ.އަތޮޅުގެ ހުރިހާ ރަށްރަށަށް ވަނީ ކުޅިވަރު ސާމާނު ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައިހުރި ހުރިހާ ކުޅިވަރު ވަސީލަތްތަކުގެ ހާލަތުވެސް ނިޝާއު އާއި އައިފާން ބެއްލެވިއެވެ.

ޔޫތު މިނިސްޓްރީ އިން 2014 ވަނަ އަހަރު ވަނީ ޒުވާނުންގެ މަރުކަޒުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން 26 ޒުވާނުންގެ މަރުކަޒެއް ކައުންސިލްތަކާ ހަވާލުކޮށްފައެވެ. އަދި މީގެ ކުރިން މުޅި ރާއްޖޭގައި 23 ޒުވާނުންގެ މަރުކަޒެއް ގާއިމްކުރެވިފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުންވަނީ 30 އަށްވުރެން ގިނަ ޒުވާނުންގެ މަރުކަޒު ގާއިމްކޮށް އިތުރު ޒުވާނުންގެ މަރުކަޒުތަކެއް ގާއިމްކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރަމުންނެވެ.