ރ.މީދޫއަށް ނިސްބަތްވާ ޔުނައިޓެޑް ފޯ މައި މީދޫ ޔޫތު ޑިވެލޮޕްމަންޓް (އުއްމީދު) ޖަމްއިއްޔާއިން ފުރަތަމަ ފަހަރަށް އެރަށުގައި އެކަޑަމީއެއް ހުޅުވައިފިއެވެ.

މިއީ ރަށުގެ ކުދިންގެ ކުޅިވަރު ހުނަރުތައް ތަރައްޤީކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އިޖުތިމާއީ މަސައްކަތްކުރާ "އުއްމީދު" ޖަމްއިއްޔާއިން ކުރި މަޝްވަރާތަކުގެ އަލީގައި އުފެއްދި އެކަޑަމީއެއް ކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތުދެއެވެ.

އެކަޑަމީ ރަސްމީކޮށް ހުޅުއްވައިދެއްވީ ނ.ހޮޅުދޫ މައި ޔުޓައިލް ސްޕޯޓްސް އެކަޑަމީގެ ޗެއާމަން މޫސާ އިބްރާހީމާއި ރ.މީދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖު ، އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޝުހާދު އެވެ. އެކަޑަމީގެ ކަންކަން ކުރިޔަށްގެންދިއުމަށް މޫސާ އިބްރާހީމްގެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތުދެއެވެ.

ކޯޗު މޫސާ އެކަޑަމީގެ ބައިވެރިންނާއެކު

މި އެކަޑަމީގެ މަޤްސަދުތަކުގެ ތެރޭގައި މީދޫގެ ކުދިންގެ މެދުގައި ކުޅިވަރުގެ އަހުލާގު ކުރިއެރުވުމާއި މީދޫގެ ކުދިންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްޤީކުރުމުގެ އިތުރުން ފުރިހަމަ ސިއްހަތެއްގައި ހެދިބޮޑުވާ ކުދިންތަކެއް އުފެއްދުން ހިމެނެއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން "އުއްމީދު" ޖަމްއިއްޔާގެ ޖެނެރަލް ސެކްރެޓަރީ ހަސަން ފަވާޒް ވިދާޅުވީ މި އެކަޑަމީގައި ޖުމްލަ 138 ކުދިން ބައިވެރިވެފައިވާ ކަމަށެވެ. އެއީ ފިރިހެން 80 ކުދިންނާއި އަންހެން 58 ކުދިންނެވެ. މި ކުދިންނާއެކު އެކަޑަމީގެ ހަރަކާތްތައް ކުރިޔަށްދާނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 7 އަހަރުންދަށް، 10 އަހަރުންދަށް، 13 އަހަރުންދަށް، އަދި 16 އަހަރުންދަށެވެ.

މި އެކަޑަމީން ފިރިހެން ކުދިންނަށް ކިޔަވައިދޭ ކުޅިވަރުތަކުގެ ތެރޭގައި ފުޓުބޯޅަ، ވޮލީބޯޅަ، ފުޓްސަލް، ބެޑްމިންޓަން އަދި ސްވިމިން އެވެ. އަންހެން ކުދިންނަށް ހާއްސަކޮށްފައިވާ ކުޅިވަރުތަކަކީ ނެޓްބޯޅަ، ހޭންޑްބޯޅަ، ވޮލީބޯޅަ، ބެޑްމިންޓަން އަދި ސްވިމިން އެވެ. މި ހުރިހާ ކުޅިވަރުތަކެއް ކިޔަވައިދިނުމުގައި ހަރަކާތްތެރިވާނީ އެ ރަށަށް ނިސްބަތްވާ ހަތަރު ކޯޗުންނެވެ. އެއީ ހަސަން ޝަރީފް (ރޯމިއޯ)، އާތިފް ޒާހިރު، ސުދުނާ ރަފީއު އަދި ޒީނާ މުހައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    އުއްމީދު ޖަމްޢިއްޔާއިން ރ.މީދޫގެ އިޖްތިމާޢީ ކަންކަމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރަމުން ގެންދާ މަސައްކަތަށް ޝުކުރުދަންނަވަން. އެހެން ޖަމްޢިއްޔާތަކާއި، ޢާއްމު ރައްޔިތުންނާއި ވީހާވެސް ބޮޑަކަށް ގުޅިގެން. އެހެން މީހުންގެ ޚިޔާލުތަކަށްވެސް އިޙްތިރާމްކޮށްގެން، އެންމެން ގުޅިގެން ކުރިމަގު ބިނާކުރުމަށް (އުއްމީދުން) މަސައްކަތްކުރާނެކަމަށް އުއްމީދު ކުރަން.

  2. ފުރީއަ

    އުފާވެރި ޚަބަރެއް. ރަށުގެ ޒުވާން ޖީލު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމުގައި ތަޢުލީމީ ދާއިރާގެ ބޭރުން މައިންބަފައިނަށް ތިޔަ ދެއްވަން ފެއްޓެވި އެހީތެރިކަމަކީ މައިންބަފައިންގެ އިތުރުން މުޖުތަމަޢުގެ ހެވާލާބަޔަށް މަސައްކަތް ކުރާ ކޮންމެ ފަރުދަކުމެ ޝުކުރުވެރިކަމާއިއެކު ޤަބޫލުކުރަން ޖެހޭ ކަމެއް. ޝުކުރިއްޔާ "އުއްމީދު".