ގއ.ވިލިގިނގިލި ޒުވާނުންގެ މަރުކަޒާއި ޖަންގަލް ސްޕޯޓްސް ކްލަބް ގުޅިގެން ޖަންގަލް ކަޕް އިންޓަރ އޮފީސް ވިމެންސް ފުޓްސަލް ޓޯރނަމެންޓް ގެ ނަމުގައި އަންހެނުންގެ ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތް ޝަރަފްވެރި ކޮށްދެއްވާފައިވަނީ އެފް.އޭ.އެމްގެ ނައީބު ރައީސާ އައިޝަތު ނާޒިމާއެވެ.

މި މުބާރާތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ގއ.ވިލިގިނގިލި ޒުވާނުންގެ މަރުކަޒު ހިންގެވުމާއި ހަވާލުވެހުންނެވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އިބްރާހިމް ރަޝީދު ވިދާޅުވީ 6 އޮފީހަކުން ޖުމްލަ 7 ޓީމު ބައިވެރިވެފައިވާ ކަމަށެވެ. އަދި މި މުބާރާތް ފެށުމުގެ ކުރިން ފުޓްސަލް ދަނޑުގެ ލައިޓްތައް ބަދަލުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގއ.ވިލިނގިލި ޒުވާނުނުންގެ މަރުކަޒުން އިސްނަގައިގެން މިދިޔަ ހަފްތާގައި ވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް ވިލިނގިލި އާއި ގުޅިގެން ވޮލީބޯޅަ މުބާރާތެއްވެސް ފަށާފައެވެ.

އަދި މިފަދަ މުބާރާތްތައް ރޭގަނޑު ކުޅެވޭ ވަރުގެ އަލިކަން މީގެކުރިން ނެތުމުގެ ސަބަބުން ޔޫތު މިނިސްޓްރީއިން ވަނީ އެ ރަށު ވޮލީ ކޯޓުގައި ކުރިން ހަރުކޮށްފައި ހުރި ލައިޓްތައް ނަގާ އާ ލައިޓްތައް ހަރުކޮށްފައެވެ.