ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު އަތުން އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހޯދި މޮޅާއެކު ލީގުގެ އެއްވަނައިގައި އެ ޓީމުން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ވާދަކޮށް މާޒިޔާއިން މި މެޗު ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާޒިޔާއިން މޮޅު ކުޅުމެއް ދައްކާފައިވެއެވެ.

މެޗުގައި މާޒިޔާއިން ޖެހި ފަސް ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ތިން ލަނޑު ޖެހިއެވެ. މި ހާފުގައި މާޒިޔާއިން ޖެހި ފުރަތަމަ ލަނޑު ނުވަ ވަަނަ މިނެޓުގައި ޖަހައިދިނީ ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ. މާޒިޔާއިން ލީޑު ފުޅާކުރި ލަނޑު 32 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) މާޒިޔާއިން ލީޑު ފުޅާ ކުރިއިރު، އޭގެ ހަތް މިނެޓު ފަހުން މާޒިޔާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި އެ ޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ހަމްޕުއެވެ.

މާޒިޔާއާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

މާޒިޔާގެ ހަތަރުވަނަ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ހުސެއިން ނިހާނެވެ. އަދި އެ ޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ކޯނޭލިއަސް ސްޓެވާޓްއެވެ.

މި މޮޅާއެކު މާޒިޔާއިން އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގާފައިވާ އިރު އެ ޓީމު އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 21 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ކުލަބު ވެލެންސިއާ އާއި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ނުވަ މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ.

ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ކުލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ. މި މެޗު ވެލެންސިއާ ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.