އިނގިރޭސި ޕްރިމިއަ ލީގުގައި ވުލްވްސްްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ހިތްދަތި ގޮތަކަށް ބަލިވެއްޖެއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އާސެނަލަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކުން ހިމެނެއެވެ.

މި މެޗުގައި ރަތްކާޑު ދެއްކި އާސެނަލްގެ ދެ ކުޅުންތެރިންނަކީ އެ ޓީމުގެ އެއްވަނަ ކީޕަރު ލެނޯ އާއި ފަހަތް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ޑޭވިޑް ލުއިޒް އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޑޭވިޑް ލުއިޒް އަށް ރަތްކާޑު ދައްކާފައިވަނީ އެންމެ ފަހަތުން ވުލްވްސްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެންނެވެ، އަދި އެ ޓީމުގެ އެއްވަނަ ކީޕަރު ލެނޯ އަށް ރަތްކާޑު ދައްކާފައިވަނީ 72 ވަނަ މިނެޓުގައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ އާސެނަލްއެވެ. މި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކުރީ ނިކޮލަސް ޕެޕޭއެވެ. ނަމަވެސް ހާފު ނިމެން ވަގުތު ކުޑަތަންވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ވުލްވްސް އިން ނަތީޖާ ހަމަހަމަކުރިއެވެ. މި ޕެނަލްޓީ ކާމިޔާބުކުރީ ރުބެންއެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމުވެސް އެއްވަރެއްގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން 49 ވަނަ މިނެޓުގައި ވުލްވްސް އިން ވަނީ އެ ޓީމު މޮޅުވި ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޯސޭ މޮޓީނިއޯއެވެ.

މި ނަތީޖާއާއެކު ވުލްވްސް އޮތީ ތާވަލުގެ 14 ވަނައިގައި ކުޅުނު 22 މެޗުން ލިބުނު 26 ޕޮއިންޓާއެކު އެވެ. އަދި މި މެޗުން ބަލިވި އާސެނަލް އޮތީ ތާވަލުގެ 10 ވަނައިގައެވެ. އެއީ ކުޅުނު 22 މެޗުންނެވެ.

ލީގުގައި އާސެނަލް އެންމެ އަވަހަށް މެޗެއް ދެން ކުޅޭނީ އަންނަ ހޮނިހިރު ދުވަހުގައެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެސްޓަންވިލާ އާއެވެ. މީގެއިތުރުން ލީގުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. މިރޭ 23:00 ގައި ސިޓީއާއި ބާންލީ ބައްދަލުކުރާ އިރު ފުލަމް އާއި ލެސްޓަ ސިޓީވެސް ބައްދަލުކުރާނެ އެވެ.