އިނގިރޭސި ޕްރިމިއަރ ލީގުގެ ކުލަބް އާސެނަލަށް ކުޅުމުގެ ފުރުސަތު އުމުރުން 16 އަހަރުގައި ލިބުނު ކަމަށާއި އެ ހުށައެޅުމަށް ފުރަގަސްދެވުނީތީ މޮޔަހީވާ ކަމަށް އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޑިފެންޑަރ ޗިއެލީނީ ބުނެފިއެވެ.

ޗިއެލީނީ މިހެން ބުނެފައިވަނީ އިޓަލީގެ މީޑިއާއަކަށް ދިން އެކްސްކްލޫސިވް އިންޓަރވިއު އެއްގައި ވާހަކަދައްކަމުންނެވެ. އޭނާ ޔުވެންޓަސްއަށް ގުޅިފައިވަނީ 2005 ވަނަ އަހަރުގައެވެ. އޭނާ ޔުވެންޓަސްއާއި އެކު މިހާތަނަށް ލީގު 9 ފަހަރު، އިޓާލިއަން ކަޕް 4 ފަހަރު ހޯދާފައިވެއެވެ. އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު ދަތުރުކޮށްފައިވެއެވެ.

އުމުރުން 36 އަހަރުގެ ޑިފެންޑަރ ބުނީ މީގެ 20 އަހަރުކުރިން އޭނާ އާސެނަލްއަށް ގެނައުމަށް އޭރުގެ ކޯޗު އާސެން ވެނގާ މަސައްކަތްކުރި ކަމަށާއި އެ ހުށައެޅުމަށް ފުރަގަސްދިނީ އޭނާގެ އަލަތު ކުލަބް ލިވޯނޯއަށް ވަފާތެރިވުމުގެ ގޮތުންނެވެ. ނަމަވެސް މިހާރު އެގޮތަށް ވިސްނުނީތީ މޮޔަހީވާ ކަމަށް ޗިއެލީނީ ބުންޏެވެ. ލިވޯނޯ މިހާރު އޮތީ އިޓަލީގެ ތިންވަނަ ޑިވިޝަނުގައެވެ.

" އަހަންނަކީ މޮޔައެއް ، އުމުރުން 16 އަހަރު އެވަރުގެ އޮފާއެއް ދޫކޮށްލެވުނީތީ މޮޔަހީވޭ، އޭރު އަހަރެން ކުޅުނު ކުލަބު އޮތީ ތިންވަނަ ޑީވިޝަނުގައި، އެއީ އޭރު ބަލާނަމަ ވަރަށް ބޮޑު އޮފާއެއް، އޭރު އެ ހުށައެޅުން ދޫކޮށްލީ ރަނގަޅަށް ތައްޔާރުނުވާ ކަމަށް ބަލައިގެން، އަދި އޭރު ވިސްނީ އާސެނަލަށް ބަދަލުވެއްޖެ ނަމަ އެއީ ލިވޯނޯ އަށް ވެވޭ ބޭވަފާތެރިކަމެއް ކަމުގައި" ޗިއެލީނީ ބުންޏެވެ.

މިއީ ޔުވެންޓަސްގައި ޗިއެލީނީ ހޭދަކުރާ 16 ވަނަ ސީޒަނެވެ. ޗިއެލީނީ އަކީ ޔުވެންޓަސްގެ ފަހަތް ބެލެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ. މިހާތަނަށް ޔުވެންޓަސް ހޯދި ބޮޑު ކާމިޔާބީއެއްގައި އޭނާގެ ދައުރު ވަރަށްވެސް ބޮޑެވެ. ކެރިއަރުގެ ފަހު ދުވަސްތައް ގުނަމުންދާ ޗިއެލީނީ އެހެން ކުލަބަކުން ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.