އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް 1-0 ގެ ނަތީޖާއަކުން ބަލިކޮށް ޗެލްސީން ތާވަލުގެ ގަދަ ހަޔަކަށް އަރައިފިއެވެ.

ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުން ޗެލްސީ މޮޅުވިއިރު، މިއީ އެ ޓީމުގެ ކޯޗުކަމުގެ މަޤާމަށް ތޯމަސް ޓުޗެލް ހަވާލުވިފަހުން މިހާތަނަށް އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ. މި މެޗާއެކު އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު އަނެއް މެޗުން ވީ އެއްވަރެވެ.

ޓުޗެލް ހަވާލުވިފަހުން މިހާތަނަށް އަދި ޗެލްސީކޮޅަށް ލަނޑެއް ވަދެފައެއް ނުވެއެވެ. މިއީ އެ ޓީމުގެ ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑް ކޯޗުކަމުން ވަކިކުރުމަށްފަހު ޗެލްސީން މިހާތަނަށް ދައްކަމުން އަންނަ އެންމެ ރަނގަޅު ކުޅުމެވެ. ހާއްސަކޮށް މި މެޗުގައި ޗެލްސީގެ ކުޅުން މެޗަކަށްފަހު މެޗެއް ރަނގަޅުވަމުން އަންނަކަން ވެސް ކޯޗު ފާހަގަކޮށްފައިވެއެވެ. ނަމަވެސް ރަނގަޅުކުރަންޖެހޭ ކަންކަން ހުރިކަން ޓުޗެލް ވަނީ މެޗަށްފަހު ފާހަގަކޮށްފައެވެ.

އަނެއްކޮޅުން މިއީ ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓޮޓެންހަމްއަށް ރަނގަޅު ނަތީޖާއެއް ނޫނެވެ. މި ނަތީޖާއާއެކު މިއީ ގާތްގާތުގައި ޓޮޓެންހަމް ބަލިވި ތިންވަނަ މެޗެވެ.

މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު ފެނިގެންގޮސްފައި ވަނީ 24 ވަނަ މިނެޓުގައެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ޗެލްސީގެ ޓިމޯ ވާނާއަށް ޓޮޓެންހަމްގެ އެރިކް ޑިއަރ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ ޖޯޖީނިއޯ އެވެ. މި ލަނޑަށްފަހު ވެސް ޗެލްސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

މި މޮޅާއެކު ޗެލްސީ އޮތީ ތާވަލުގެ ހަވަނައިގައި 36 ޕޮއިންޓާއެކު އެވެ. ތާވަލުގެ ފަސްވަނައިގައި ދެ ޕޮއިންޓް އިތުރަށް ހޯދައިގެން އޮތީ ވެސްޓް ހޭމް އެވެ. އެއްވަނައިގައި ސިޓީ އޮތީ 47 ޕޮއިންޓާއެކު އެވެ. މި މެޗުން ބަލިވި ޓޮޓެންހަމް އޮތީ ތާވަލުގެ އަށްވަނައިގައި 33 ޕޮއިންޓާއެކު އެވެ.