ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި އިނގިރޭސި މުއްސަނދި ކުލަބް މެންޗެސްޓަރ ސިޓީއާއި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށް ބާސާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ބާސާއާއެކު އުމުރުން 33 އަހަރުގެ މެސީ ހަދާފައިވާ އެއްބަސްވުން މި އަހަރު ހަމަވާނެއެވެ. މިދިޔަ އަހަރު އޭނާ ބާސާ ދޫކޮށްލަން ނިންމި ނަމަވެސް ބާސާއަށް ކުރާ އިހްތިރާމަކާއި އެކު އޭނާ ވަނީ އެ ކުލަބުގައި މަޑުކުރަން ނިންމާފައެވެ. އަދި މިއަހަރު އެއްބަސްވުން ހަމަވާގޮތަށް އޮތްއިރު މި އެއްބަސްވުން ހަމަވާއިރު ހިލޭ ޓްރާންސްފަރ އެއްގެ ދަށުން އޭނާ ބޭނުން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.މެސީ ހޯދުމުގެ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތްކުރާ ދެ ކުލަބަކީ ޕީއެސްޖީއާއި މެންޗެސްޓަރ ސިޓީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި މި ކުލަބުތަކުން މެސީއާއި މަޝްވަރާކުރާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނި ނަމަވެސް ގޯލް އަށް ދިން އެކްސްކްލޫސިވް އިންޓަވިއު އެއްގައި މެސީ ވަނީ މި ހުރިހާ ވާހަތަކެއް ދޮގުކޮށްފައެވެ. މެސީ ބުނީ އަދި މިހާތަނަށް އެކަމާއި ގުޅިގެން އެއްވެސް ކުލަބަކުން ވާހަކަދައްކާފައި ނުވާ ކަމަށެވެ.

ގޯލް ޑޮޓްކޮމް އިން ބުނެފައިވާ ގޮތުގައި މެސީއާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތްކަމަށާއި އޭނާ އެހެން ކުލަބަކަށް ބަދަލުވުން ނުވަތަ ބާސާގައި މަޑުކުރުމާއި މެދު ގޮތެއް ނިންމާނީ މި ސީޒަން ނިމުމުން ކަމަށެވެ. ގަވާއިދު ބުނާގޮތުން ސީޒަން ނިމުމުން ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިންނަށް އޭގެކުރިން ބަދަލުވާން ބޭނުންވާ ޓީމުތަކާއި މަޝްވަރާކުރުމުގެ ފުރުސަތު ލިބެއެވެ. އެހެންކަމުން މެސީއަށް ވެސް ޖެނުއަރީ 1 ގެ ފަހުން އޭނާ ބަދަލުވާން ބޭނުން ކުލަބަކާއި އެކު މަޝްވަރާކުރެވޭނެ އެވެ.

މެސީ ކުލަބް ބަދަލުވާން އުޅޭކަމަށް ވާހަކަދެކެވޭއިރު ދާދިފަހުން ވަނީ 2017 ވަނަ އަހަރު ބާސާއާއި މެސީއާއި ދެމެދު ހަދާފައިވާ އެއްބަސްވުން މީޑިއާގައި ލީކުވެފައެވެ. މި މައްސަލައިގައި އެއްބަސްވުން ލީކު ކުރި ނޫހަށް ފިޔަވަޅުއަޅަން ވަނީ ނިންމާފައެވެ.އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ ހޫނު މޫސުމުގައި ހަމަވާއިރު، އެ އެއްބަސްވުމުގެ އަގު 555 މިލިޔަން ޔޫރޯއަށް އަރައެވެ.

އެއްބަސްވުމުގައިވާ ގޮތުން ބޯނަހާއި އެހެނިހެން އާމްދަނީއާއެކު އަހަރެއްގެ މައްޗަށް ބާސާއިން މެސީއަށް 138 މިލިޔަން ޔޫރޯގެ މުސާރައެއް ދެއެވެ. އެހެންކަމުން އެއްބަސްވުމުގެ ދަށުން މިހާރުވެސް މެސީއަށް 510 މިލިޔަން ޔޫރޯ ލިބިފައިވާކަން ވަނީ ހާމަވެފައެވެ.