ޖަރުމަނު ލީގުގައި ހާތާ ބާލިން އަތުން ހޯދި އުނދަގޫ މޮޅާއެކު ޗެމްޕިއަން ބަޔާން މިއުނިކް ތާވަލުގެ އެއްވަނައިގައި ދިހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މެޗު ބަޔާން ކާމިޔާބުކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މޮލާއެކު ބަޔާން އެއްވަނައިގައި އޮތީ ކުޅުނު 20 މެޗުން ލިބުނު 48 ޕޮއިންޓާއެކު އެވެ. އެ ޓީމާއި އެންމެ ކައިރިން ދެވަނައިގައި 38 ޕޮއިންޓާއެކު އޮތީ ލިޕްޒިގް އެވެ. މިއީ ލީގުގައި ޖެހިޖެހިގެން ބަޔާން ހޯދި ފަސްވަނަ މޮޅެވެ. މި ނަތީޖާއާއެކު ހާތާ ބާލިން އޮތީ ތާވަލުގެ 15 ވަނައިގައެވެ.

ގަދަ ސްނޯގައި ބަޔާންގެ އެންމެ ވަރުގަދަ ކުޅުންތެރިންނާއެކު ކުޅުނު މި މެޗަށްފަހު އެ ދުވަހު ބަޔާން މިއުނިކް ވަނީ ފީފާ ކުލަބް ވޯލްޑްކަޕުގެ ސެމީފައިނަލުގައި މިސްރުގެ އަލް އަހްލީއާއި ވާދަކުރުމަށް ގަތަރަށް ފުރާފައެވެ. ދެ ދުވަހުގެ ތެރޭގައި މި މެޗު ކުޅޭއިރު، ގިނަބަޔަކު ވަނީ ބޮޑު މެޗެއް ކުރިޔަށް އޮއްވާ ބަޔާން އިން އެ ޓީމުގެ އެންމެ ވަރުގަދަ ކުޅުންތެރިން ހާތާ ބާލިން މެޗުގައި ބޭނުންކުރުމުން ފާޑުކިޔުން އަމާޒުކޮށްފައެވެ.

ބަޔާން އާއި ހާތާ ބާލިން ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގައ ބަޔާންގެ ހަމައެކަނި ލަނޑު ފެނިގެންގޮސްފައި ވަނީ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައެވެ. ތޯމަސް މުލާގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޫމަން އެވެ. މި ލަނޑުގެ ކުރިން ބަޔާން އަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ރޮބަޓް ލެވަންޑޮސްކީ އަށް ލިބުނު މި ޕެނަލްޓީ އޭނާއަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މިއީ ޖެނުއަރީ 2019 ގެ ފަހުން ލެވަނޑޮސްކީ އަތުން ބޭކާރުވި ފުރަތަމަ ޕެނަލްޓީ އެވެ.

ނަތީޖާ ހަމަހަމަކުރަން ހާތާ ބާލިން އަށް ރަނގަޅު ފުރުސަތެއް މެޗުގެ ފަހުކޮޅު ލިބުނެވެ. ނަމަވެސް މި ބޯލަ ބަޔާންގެ ކީޕަރު ދިފާއުކުރީ ހުށިޔާރުކަމާއެކު އެވެ. މެޗަށްފަހު ބަޔާންގެ ކޯޗު ވަނީ މިއީ މުހިއްމު މޮޅެއްގެ ގޮތުގައި ސިފަކޮށްފައެވެ.