ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ 36 ވަނަ އުފަންދުވަހާއި ދިމާކޮށް އޭނާގެ ފުޓުބޯޅަ ކެރިއަރުގެ ފޮނި ހަނދާންތަކާއި އެކު ސޯޝަލް މީޑިއާގައި ސަޕޯޓަރުންނަށް ހާއްސަ މެސެޖެއް ދީފިއެވެ.

ރޮނާލްޑޯގެ ވަނީ 20 އަހަރު ފުޓުބޯޅަ ހަޔާތް ވޭތުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ފުޓުބޯޅައިގައި އޭނާއަށް ނުލިބޭ ކާމިޔާބީއެއް މަދުވާނެއެވެ. މި ހުރިހާ ކާމިޔާބީތަކާއި އެކު އޭނާ ވފައިވަނީ ފަހުގެ ތާރީހެއްގައި ފެނިގެންދިޔަ އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައެވެ.

މި އުމުރަކީ އާންމުގޮތެއްގައި ކުޅުންތެރިން ފުޓުބޯޅަ ކެރިއަރު ނިންމާލާ ދުވަސްވަރެވެ. ނަމަވެސް ރޮނާލްޑޯގެ ކިބައިން ފެންނަނީ އެއާއި ދިމާ އިދިކޮޅެވެ. އުމުރުން 36 އަހަރުގައި މިހާތަނަށް އިޓާލިއަން ލީގުގައި އޭނާ ވަނީ ޔުވެންޓަސްއަށް ކުޅެދިން 23 މެޗުގައި 22 ލަނޑު ޖަހައިދީފައެވެ. އަދި ގިނަ ލަނޑުތަކެއް ޖެހުމުގައި އޭނާ ވަނީ އެހީތެރިވެދީފަ އެވެ.

"36 އަހަރު ފުރުމުން ގަބޫލެއްނުކުރެވޭ، ހީވަނީ އިއްޔެ ކެރިއަރު ފެށިހެން، މި ކެރިއަރުގައި އަހަންނަށް ގިނަ ތަޖުރިބާތަކާއި ވާހަކަތަކެއް އެބަހުރި، އެންމެ ފުރަތަމަ ބޯޅައެއްގައި ކުޅުނު ދުވަހާއި، އެންމެ ފުރަތަމަ ގޯލުޖެހި ދުވަސް އަދިވެސް ހަނދާން އެބަހުރި ، މެޑެއިރާ އިން ލިސްބަންއަށް، ލިސްބަން އިން މެންޗެސްޓަރ އަށް، މެންޗެސްޓަރ އިން މެޑްރިޑަށް، އަދި މެޑްރިޑުން ޓުރިމް އަށްް ފޮނި ހަނދާންތަކެއް އެކުލެވޭ" ރޮނާލްޑޯގެ ކެރިއަރު ކުރުކޮށް ފޮނިކޮށް ކިޔައިދެމުން ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭނާގެ ކެރިއަރުގައި ގިނަ ކަންކަން ހާސިލްވެއްޖެ ކަމަށެވެ. އަދި އޭނާގެ 100 އިންސައްތަ ދީފައިވާ ކަމަށާއި ކުރިމަތިލާ ކޮންމެ ކަމެއްގައިވެސް އޭގެ އެންމެ ފުރިހަމައަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

"އަހަރެން 20 އަހަރު ފުޓުބޯޅަ ކުޅެފިން، އެކަމަކު އިތުރު 20 އަހަރު ދެން ކުޅެވޭނެކަމަށް ވައުދު ވެވޭކަށް ނެތް، އެކަމަކު އިތުރަށް ކުޅޭނަމަ އަދިވެސް 100 އިންސައްތަ ދަނޑުމަތީގައި ދޭނެކަމުގެ ޔަގީންކަން ދޭނަން" ރޮނާލްޑޯ ބުންޏެވެ.

އިޓާލިއަން ލީގުގައި ރޮނާލްޑޯ އެންމެ އަވަހަށް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ރޯމާ އާއި ދެކޮޅަށެވެ. ޔުވެންޓަސް މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ.