ކްރިސްޓިއާނޯ ރޮނާލްޑޯއަކީ އާދައިގެ ކުޅުންތެރިއެއް ނޫން ކަމަށާއި ރެއާލްގައި ހޭދަކުރި މުއްދަތުގައި އޭނާގެ ކިބައިން ފެނުނު ކަންކަމަށް ބަލާއިރު ސްވިޑަންގެ ޒްލަޓާން އިބްރަހިމޮވިޗް އާއި އެއްވަރަށް ރޮނާލްޑޯ އަށް ވެސް 40 ވަރަކަށް އަހަރު ވަންދެން އަދި ކުޅެވޭނެ ކަމަށް ރެއާލްގެ ކުރީގެ ފިޓްނަސް ކޯޗު ޖިއޮވާނީ މައުރީ ބުނެފިއެވެ.

ރޮނާލްޑޯގެ 36 ވަނަ އުފަން ދުވަސް އިއްޔެ ފާހަގަކުރިއިރު ޒްލަޓާން އިބްރަހިމޮވިޗް އަށް މިހާރު 39 އަހަރު ވެއްޖެއެވެ. މި ދެ ކުޅުންތެރިން އަދިވެސް ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ރޮނާލްޑޯ ވަނީ މިހާތަނަށް މި ސީޒަނުގައި ޔުވެންޓަސް ކުޅުނު 23 މެޗުގައި 22 ލަނޑު ޖަހައިފައެވެ. އަދި އިބްރަހިމޮވިޗް ވަނީ ކުޅުނު 20 މެޗުގައި 13 ލަނޑު އޭސީ މިލާނަށް ޖަހައިދީފައެވެ.

އިބްރަހިމޮވިޗް ވަނީ އޭސީ މިލާނާއެކު އިތުރު އެއްބަސްވުމެއްގައި ސޮއިކުރުމަށް މަސައްކަތްކުރަމުންނެވެ. އޭނާއަށް މި އަހަރުގެ އޮކްޓޯބަރު ތިނެއްގައި 40 އަހަރު ފުރޭނެއެވެ. ފަސް ފަހަރު ބެލޮންޑޯ އެވޯޑާއެކު މިހާތަނަށް ރޮނާލްޑޯ ވަނީ ގިނަ ކާމިިޔާބީތަކެއް ހޯދައިފައެވެ. އަދި އުމުރުގެ ތަފާތެއް ހުއްޓަސް އެ ތަފާތު ދަނޑުމަތިން ނުފެނެއެވެ.

ކުރިން ރެއާލް މެޑްރިޑްގެ ފިޓްނަސް މެނޭޖަރުކަން ކޮށްފައިވާ މައުރީ ބުނީ ރެއާލްގައި އެންމެ ފުރަތަމަ ރޮނާލްޑޯ ފިޓްނަސް ޓެސްޓު ހެދި ދުވަހު ހައިރާންވި ކަމަށެވެ. އަދި އެ ދުވަހުވެސް ރޮނާލްޑޯއަށް ދިގު މުއްދަތަކަށް ފުޓުބޯޅަ ކުޅެވޭނެކަން އެނގިގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

"އޭނާ އިޓަލީގައި މިހާރު ކުޅޭ އިރު އަހަރެން އަދިވެސް ބުނާނަން އެއީ އާދައިގެ ކުޅުންތެރިއެއް ނޫނޭ، އެއީ އެހެން ކުޅުންތެރިންނާއި ތަފާތު ކުޅުންތެރިއެއް، އަދިވެސް ކުރިން ލަނޑު ޖަހާ ވަރަށް އެބަ ލަނޑު ޖަހާ، ރޮނާލްޑޯ އެ މަސައްކަތް ކުރަނީ ކުރިން ރެއާލުން އޭނާއަށް ހުށައެޅި ޕްރޮޕޯސަލްގައި ހިމެނޭ ކަންކަމާ އެއްގޮތަށް، އެއީ ކުޅުމާއި އެއްވަރަށް އަރާމުކުރުމުގެ ފުރުސަތު ލިބުން އެއީ ހަމައެކަނި ނިދުމެއް ނޫން. މަސްތައް ހަމަޖެހިލާނެ ފުރުސަތު ދިނުންވެސް ހިމެނޭ" ރެއާލްގެ ކުރީގެ ފިޓްނަސް ކޯޗު ބުންޏެވެ.

ޕައޮލޯ މަލްޑީނީ، އަލެސަންޑްރޯ ކޮސްޓަކުޓާ، ރަޔަން ގިގްސްގެ ފައިތިލަ ދަށުން ކްރިސްޓިއާނޯ ރޮނާލްޑޯއާއި އެކު އިބްރަހިމޮވިޗް އަދިވެސް ދަނީ ދަނޑުމަތީގައި ތަފާތު ދައްކަމުންނެވެ.

"އަހަރެން މިހާތަނަށް 40 އަހަރުންމަތީގެ ވަރަށް ގިނަ ފުޓުބޯޅަ ކުޅުންތެރިންނާއެކު މަސައްކަތްކޮށްފިން، އެންމެ ފުރަތަމަ ޕީއެސްޖީގައި ހުރިއިރު އަހަންނަށް އެނގުނު އިބްރަހިމޮވިޗް އަށްވެސް 40 އަހަރުވަންދެން ކުޅެވޭނެކަން، މި ކުޅުންތެރިންނަކީ ފްލެކްސިބިލިޓީ ވަރުގަދަ އަދި ހަށިގަނޑު ވަރުގަދަ ކުޅުންތެރިން" ޖިއޮވާނީ ބުންޏެވެ.