އިނގިރޭސި ޕްރިމިއަރ ލީގުގައި އެސްޓަންވިލާ އަތުން ބަލިވެ އާސެނަލް އިން މިސީޒަނުގައި ބަލިވި މެޗުތަކުގެ އަދަދު ދިހައަކަށް އަރައިފިއެވެ. '

އެސްޓަންވިލާގެ ދަނޑުގައި 1-0 ގެ ނަތީޖާއަކުން އާސެނަލް ބަލިވި މި މެޗާއެކު މި ސީޒަނުގައި އެ ޓީމު ކުޅުނު 23 މެޗުގެ ތެރެއިން ބަލިވި މެޗުތަކުގެ އަދަދު ވަނީ 10 އަށް އަރާފައެވެ. މިއީ ވޭތުވެދިޔަ 37 އަހަރުގެ ތެރޭގައި މެޗުތަކުން އާސެނަލް ބަލިވި ނިސްބަތް ދެ އަދަދުން ގުނާލެވުނު ފުރަތަމަ ފަހަރެވެ.

މިއީ 1983-84 ގެ ސީޒަނަށްފަހު އާސެނަލްގެ ކުލަބް ތާރީހުގައި ރެކޯޑެކެވެ. އެ ސީޒަނުގައި އާސެނަލް ކުޅުނު 17 މެޗުގެ ތެރެއިން 10 މެޗުން ބަލިވިއެވެ.

މެޗު އާސެނަލް ފެށީ ވަރަށް ނެގިމަޑުކޮށެވެ. ނަތީޖާއެއްގެ ގޮތުން އެސްޓަންވިލާއިން މެޗު ފަށައިގެން ދެވަނަ މިނެޓުގައި ލަނޑުޖަހައި އާސެނަލް ޕްރެޝަރަށް ވައްޓާލިއެވެ. ޓްރައޯރޭގެ އެހީއާއެކު މި ލަނޑު އެސްޓަންވިލާއަށް ކާމިޔާބުކޮށްދިނީ އޮލީ ވޮޓްކިންސް އެެވެ. މި ގޯލާއެކު އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ނުތަނަވަސްކަން ފެނިގެންދިޔަ އެވެ. މި މެޗުގައި އާސެނަލްގެ ގޯލު ބަލަހައްޓާފައިވަނީ މެޓް ރަޔަން އެވެ. އޭނާ ކޮޅަށް ގޯލު ވަންއިރު މިއީ އާސެނަލްއަށް އޭނާ ކުޅޭ ފުރަތަމަ މެޗެވެ.

ލީިގުގައި އާސެނަލް އެންމެފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ޔުނައިޓެޑާއި އެއްވަރުވިއިރު ސައުތެމްޓަން އަތުން މޮޅުވިއެވެ. އަދި ވުލްވްސް އަތުން ވަނީ ބަލިވެފައެވެ. މި ނަތީޖާއާއެކު ތާވަލުގެ ދިހަ ވަަނައިގައި އާސެނަލް އޮތީ 31 ޕޮއިންޓާއެކު އެވެ. މި ނަތީޖާއާއެކު އެސްޓަންވިލާ ވަނީ ތާވަލުގެ އަށްވަނައަށް ޖެހިލާފައެވެ. އެ ޓީމު އޮތީ 35 ޕޮއިންޓާއެކު އެވެ.

ލީގުގައި އާސެނަލް އެންމެ އަވަަހަށް މެޗެއް ކުޅޭނީ ފެބްރުއަރީ 14 ގައެވެ. އެ ދުވަހު ކުޅޭ މެޗުގައި އެޓީމު ބައްދަލުކުރާނީ ލީޑްސް ޔުނައިޓެޑާއެވެ. މި މެޗުން މޮޅުވި އެސްޓަންވިލާ ބައްދަލުކުރާނީ ލެސްޓާ ސިޓީއާއެވެ. މި މެޗު ކުޅޭނީ މިމަހުގެ 21 ގައެވެ.