ސްޕެނިޝް ލީގުގައި ފަހަތުން އަރައި 2-1 އިން ތާވަލުގެ ފުލުގައި އޮތް ހުއެސްކާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ތާވަލުގެ ދެ ވަނައަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގައި ރެއާލް ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ހުއެސްކާއެވެ. ދެ ވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ޝިންޖީ އޮކަޒާކީ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަވީ ގަލަންއެވެ.

މި ލަނޑު ޖެހިތާ ހަތް މިނެޓު ފަހުން ޑިފެންޑަރު ރަފައެލް ވަރާން ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކަރިމް ބެންޒެމާ ފޮނުވާލި ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެ ބޯޅަ ހޯދައިގެންނެވެ. މެޗުން ރެއާލް މޮޅުކޮށްދިން ލަނޑު މެޗު ނިމެން ހަ މިނެޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީވެސް ވަރާނެވެ.

މިއީ ރެއާލްގެ ކޯޗު ޒިދާންއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. މީޑިއާގެ ޕްރެޝަރާއި ކުރިމަތިލާން ޖެހިފައިވާ ޒިދާން ވަނީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ނޫސްވެރިންނާއި އަމާޒުކޮށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލާފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުން ލިބުނު މޮޅާއެކު ރެއާލް މެޑްރިޑް ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމަށް ވަނީ ކުޅުނު 21 މެޗުން 43 ޕޮއިންޓް ލިބިފައެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބާސެލޯނާއަށް 20 މެޗުން ވަނީ 40 ޕޮއިންޓް ލިބިފައެވެ. ހުއެސްކާ އޮތީ ތާވަލުގެ ފުލުގައި 22 މެޗުން 16 ޕޮއިންޓާއެކުއެވެ.