މި ސީޒަނުގައިި ވާދަކުރާ މެންޗެސްޓަ ޔުނައިޓެޑަކީ ލީގު ހޯދުމުގެ ރޭހުގައި ވާދަކުރާ ޓީމެއްގެ ގޮތުގައި ނުބެލުމަށް އެ ޓީމުގެ ކޯޗު ސޯލްޝެއާ ބުނެފިއެވެ.
ސްކައި ސްޕޯޓްސްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ސޯލްޝެއާ މިހެން ބުނީ އެންމެ ފަހުން އެވަޓަންއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު މީޑިއާތަކުން އަމާޒުކުރި ސުވާލުތަކަށް ޖަވާބުދެމުންނެވެ.
ސޯލްޝެއާ ބުނީ ލީގު ކާމިޔާބުކުރާ ވާހަކަ ނުދައްކާ ކަމަށާއި މިހާ ހިސާބަށް ވެސް އައީ ގިނަ ގޮންޖެހުންތަކަށް ފަހު ކަމަށެވެ. އަދި ޔުނައިޓެޑަކީ ތައްޓަށް ވާދަކުރާ ޓީމެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށާއި މި ސީޒަނުގައި ނިންމާލެވޭނެ ހިސާބު އަދި ނޭނގޭ ކަމަށް ވެސް މީގެ ދެ އަހަރުކުރިން ޔުނައިޓެޑުގެ ކޯޗުކަމާއި ހަވާލުވި ނޯވޭގެ ކޯޗު ސޯލްޝެއާ ބުންޏެވެ.
ޕްރިމިއަރ ލީގުުގައި އެންމެފަހުން އެވަޓަން އަތުން އެއްވަރުވުމާއި އެކު އެއްވަނައިގައި އޮތް ސިޓީއާއި ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ހަމަހަމަކުރަން ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. ތާވަލުގެ ދެވަނައިގައި ޔުނައިޓެޑާއި އެއްވަނައިގައި އޮތް ސިޓީއާއި ދެމެދު މިހާރު އޮތް ޕޮއިންޓުގެ ފަރަގު ވަނީ ފުޅާވެފައެވެ. އެއީ އެންމެފަހުން ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ.
މި ސީޒަނުގައި ޔުނައިޓެޑުން ދައްކަމުން އަންނަ ކުޅުމަކީ ފާހަގަކޮށްލެވޭ ކުޅުމެކެވެ. ނަމަވެސް އެންމެ ފަހުން ލީގުގައި އެ ޓީމު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެފައިވާ އިރު އެއް މެޗުން ބަލިވެފައިވެއެވެ. އަދި މޮޅުވެފައި ވަނީވެސް އެއް މެޗުން ކަން ފާހަގަކޮށްލެވެއެވެ.
ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުގެ މެޗެއް އެންމެ އަވަހަށް ދެން ފެންނާނީ 14 ފެބްރުއަރީގައެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެސްޓް ބްރޮމްވިޗް އާއެވެ.