އިނގިރޭސި ޕްރިމިއަ ލީގުގައި ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ޗެލްސީން ތާވަލުގެ ފަސްވަނަ މަގާމަށް ޖެހިލައިފިއެވެ.

ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޗެލްސީ ތާވަލުގެ ފަސްވަނައިގައި އޮތީ ކުޅުނު 23 މެޗުން ލިބުނު 39 ޕޮއިންޓާއެކުއެވެ. ތާވަލުގެ ފުލުގައި ޝެފީލްޑް އޮތީ ކުޅުނު 23 މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ޗެލްސީންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓްއެވެ. އޭނާ މި ލަނޑު ޖެހީ ޓިމޯ ވާނާގެ އެހީތެރިކަމާއެކުއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއް ގޯލުގެ ލީޑަކާއެކު ޗެލްސީ ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފުގެ 54 ވަނަ މިނެޓުގައި ޝެފީލްޑް ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް މި ލަނޑަކީ ޗެލްސީގެ އެންޓޯނިއޯ ރުޑިގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން މެޗުން ޗެލްސީ މޮޅުވި ލަނޑު ޖަހާފައިވަނީ ޖޯޖީނިއޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.

ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވި ފަހުން އެ ޓީމުން އަދި މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ. މެޗަށްފަހު ވާހަކަދައްކަމުން ޗެލްސީގެ ކޯޗު ބުނީ މި މެޗުން މޮޅުވި ނަމަވެސް މިއީ އުނދަގޫ މެޗެއް ކަމަށެވެ. އަދި މެޗުން މޮޅުވީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށާއި ކުރިޔަށްހުރި މެޗުތަކުގައި ޓީމުގެ ފަރާާތުން ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި އެ ކަންކަން ހައްލުކުރަން މަސައްކަތްކުރާނެ ކަމަށްވެސް ޓުޗެލް ބުންޏެވެ.

ޕްރިމިއަ ލީގުގައި ޗެލްސީން ދެން މެޗެއް ކުޅޭނީ އަންނަ ހަފުތާގެ އަންގާރަ ދުވަހުއެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. UH

    come on get your facts right, it was an easy win, wouldv been 2 nil but rudiger scored an own goal, rangalhah kanthah olhun filuvaafa news ga jahaanee