ފާއިތުވި ހުކުރު ދުވަހު އިންޑިއާ އަދި ޗައިނީސް ޓައިޕޭ ބައްދަލު ކުރި މެޗު ބަލަން 2569 ސަޕޯޓަރުން ދަނޑަށް އައުމާއި ގުޅިގެން އިންޑިއާ ޓީމުގެ ކެޕްޓަން ސުނިލް ޗެތްރީ ޓްވިޓާގައި އާދޭސް ކޮށްފިއެވެ.

33 އަހަރުގެ ޗެތްރީ ރިކޯޑު ކޮށް ޓްވިޓާ އަށް ލާފައިވާ ވީޑިއޯގައި އޭނާ ވަނީ އިންޑިއާ ސަޕޯޓަރުން ޓީމަށް ސަޕޯޓުކޮށް ހިތްވަރުދީ ކުޅޭތަން ބަލައި އެއްޗެހި ކިޔުމަށް އާދޭސް ކޮށްފައެވެ. އިންޓަ ކޮންޓިނެންޓަލް ކަޕުގެ ފުރަތަމަ މެޗު ޗައިނީސް ޓައިޕޭ އާއި ކުޅުނު އިރު މިމެޗުން އިންޑިއާ މޮޅުވެފައި ވަނީ 0-5 ގެ ނަތީޖާ އަކުންނެވެ.

"އިންޑިއާ ފުޓުބޯޅަ އަށް އުއްމީދެއް ނެތް ކަމަށް ހީނުކޮށް މެޗުތައް ބަލައި ޓީމަށް ސަޕޯޓު ކުރުމަށް ދަނޑަށް އާދޭ! އިންޓަނެޓުގައި ޓީމަށް ފާޑު ކިޔުމަށްވުރެ ދަނޑަށް އައިސް ކިޔުމުން ރަނގަޅުވާނެ،" ޗައިނީސް ޓައިޕޭ އާއި ދެކޮޅަށް 3 ގޯލު ޖެހި ޗެތްރީގެ ވީޑިއޯގައި ބުންޏެވެ،

އިންޑިއާގެ އެންމެ މަގުބޫލް ކުޅިވަރަކީ ކްރިކެޓް ނަމަވެސް 1.3 ބިލިއަން މީހުންގެ އާބާދީގެ 41 ޕަސެންޓު މީހުން ބަލަނީ ފުޓުބޯޅައެވެ. ޗެތްރީގެ ވީޑިއޯ ބަލައި އިންޑިއާ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާތް ކޯލީ ވެސް ވަނީ ވީޑިއޯ އެއް ރިކޯޑު ކޮށްފައެވެ.

" ކުޅިވަރަށް ލޯބި ކުރާ ގައުމެއް ކަމަށް ބުނެވޭނީ ހުރިހާ ކުޅިވަރަކަށް ވެސް ހަމަ ހަމަ އަށް ލޯބި ލިބޭނަމަ" ވިރާތް ކޯލީ ބުންޏެވެ.

ސްޓެފެން ކޮންސްޓަންޓައިންގެ ޓީމު މުބާރާތުގައި ދެން ކުޅެން ޖެހޭނީ ކެންޔާ އާއި ދެކޮޅަށެވެ. ހޯމަ ދުވަހު ކުޅޭ މެޗަކީ ސުނިލް ޗެތްރީ އިންޑިއާގެ ގައުމީ ޓީމަށް ކުޅެދޭ 100 ވަނަ މެޗެވެ.

 

ކިޔުންތެރިންގެ ހިޔާލު