މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ސްޕެއިންގެ ރެއާލް މެޑްރިޑް ދޫކޮށް އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށް ސާޖިއޯ ރާމޮސް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މިއަހަރުގެ ޖޫންމަހު ރެއާލް އާއި އެކު ރާމޮސް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާއިރު، ރެއާލުން ހުށައެޅި ދެ އަހަރުދުވަހުގެ އާ އެއްބަސްވުމަށް ރާމޮސް ނޫނެކޭ ބުނެފައިވާ ކަމަށެވެ. ރެއާލުން ހުށައެޅި އާ ކޮންޓްރެކްޓުގައި ރާމޮސްއަށް ލިބޭ މުސާރައިގެ 10 އިންސައްތަ އުނިކޮށްފައިވެއެވެ.

ސްޕެނިޝް ލީގުގެ ކުލަބުތަކުގެ އުސޫލުގައިވާ ގޮތުން ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިންނަށް އެންމެ ފަހު ސީޒަނުގެ ތެރޭގައި އެހެން ކުލަބަކާއި މަޝްވަރާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ރިޕޯޓުތައް ބުނާގޮތުން ޔުނައިޓެޑުގެ އިތުރުން ފްރާންސްގެ ޕީއެސްޖީން ވެސް ރާމޮސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މިހާތަނަށް ރާމޮސް ރަސްމީކޮށް އެއްވެސް ކުލަބަކާއެކު ވާހަކަ ދައްކާފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އަންނަ ހަފުތާގައި ރާމޮސްގެ އޭޖެންޓް އާއެކު ޔުނައިޓެޑާއެކު ވާހަކަތައް ދެއްކުމަށް އިނގިރޭސިވިލާތަށް ފުރާނެއެވެ. މިހާތަނަށް އަނގަބަހުން ކުރެވުނުުު ނުރަސްމީ މަޝްވަރާތަކުން އަގު ފައިނަލްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 34 އަހަރުގެ ރާމޮސް 16 އަހަރަށްފަހު ރެއާލް ދޫކޮށް ޕްރިމިއަރ ލީގުގެ ކުލަބަކަށް ބަދަލުވާން ނިންމިއިރު އުމުރުން 33 އަހަރުގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ވެސް ދަނީ ޔުނައިޓެޑުގައި ކުޅެމުންނެވެ.

ރާމޮސް އަކީ ސްޕެއިންގެ ތާރީހުގައި އެންމެ ގިނަ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިޔާ އެވެ. އަދި ރެއާލް މެޑްރިޑް މިހާތަނަށް ހޯދި ކާމިޔާބީތަކުގެ ފަހަތުގައި ވެސް ރާމޮސްގެ ދައުރު ވަރަށް ބޮޑެވެ. އޭނާ ރެއާލް މެޑްރިޑަށް ބަދަލުވެފައިވަނީ 2005 ވަނަ އަހަރެވެ. ޑިފެންޑަރެއްގެ ގޮތުގައި ފެނުނު ނަމަވެސް އޭނާ ވަނީ ރެއާލް އަދި ސްޕެއިން ގައުމީ ޓީމާއެކު ޖުމްލަ 100 އަށްވުރެ ގިނަ ގޯލު ޖަހައިދީފައެވެ.