މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވުމާ ގުޅިގެން ކުއްލި ގޮތަކަށް ޕްރިމިއަ ލީގުގެ ކުޅުން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވަނީ އެއްވެސް މަޝްވަރާއެއް ކުރުމަކާ ނުލާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ބައްސާމް ވަނީ އެޗްޕީއޭއިން ކުއްލި ގޮތަކަށް ނިންމި މި ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކައިފައެވެ. ބައްސާމް ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން އަލުން ފެށީ އެޗްޕީއޭގެ ލަފާގެ މަތިން ހެދި ގައިޑްލައިންތަކަށް ވަރަށް ފުރިހަމައަށް ބޯލަނބައިގެން ކަމަށާއި މިހާތަނަށް ފުޓްބޯޅައިގެ ތެރެއިން ކޮވިޑް ފެތުރުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށެވެ.

އެޗްޕީއޭއިން އެފްއޭއެމާއެކު މަޝްވަރާކުރި ނަމަ ނުވަތަ ލީގުގެ މެޗުތަކުގައި ކަންތައްތައް ދިޔަ ގޮތް ބެލުމަށްފަހުގައި ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލަން ނިންމި ނަމަ ވަރަށް އުފާވާނެ ކަމަށާއި މި ނިންމުން ނިންމި އިރު ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާ ވެސް މަޝްވަރާ ކުރެއްވި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

"ލީގު ފެށުމަށް އެޗްޕީއޭއިން އެދެނީ ގައިޑްލައިން ހެދުމަށް. އެކަމަކު ކުރިން ވެސް ލީގް ފެށީ ވަރަށް ވަރުގަދަ ގައިޑްލައިނަކާއެކު. މި ގައިޑްލައިނަކީ ފީފާ އަދި އޭއެފްސީއާ މަޝްވަރާކޮށް އެބޭފުޅުން އެޕްރޫވްކުރި ގައިޑްލައިނެއް. އިތުރަށް ހަދާނެ ގައިޑްލައިނެއް ނެތް، އިތުރަށް މި ގައިޑްލައިނަށް ކަމެއް އިތުރުކުރާނަމަ ބުނަންވީ އެޗްޕީއޭއިން،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ މިފަދަ ނިންމުމެއް ނިންމާއިރު އެފްއޭއެމުގެ ލަފަޔާއި މަޝްވަރާ ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށާއި މިފަދަ ނިންމުމެއް ކުއްލިގޮތަކަށް ނިންމުމުން ކުލަބުތަކާއި އެ ކުލަބުތަކުގެ ކުޅުންތެރިންނާއި އެ ކުޅުންތެރިންގެ އާއިލާއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި މިއަހަރަކީ ރާއްޖޭގެ ފުޓުބޯޅައިގައި ގިނަ ކަންކަން އޮތް އަހަރެއްގެ ގޮތުގައިވެސް ބައްސާމް ފާހަގަކުރެއްވިއެވެ.

"ކުރިމަތީގައި ގައުމީ ޓީމާއި އޭއެފްސީ ކަޕުގެ މެޗުތަކެއް އެބައޮތް. ގައުމީ ޓީމު މެޗަކީ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއަށް ވަރަށް މުހިންމު މެޗެއް. ދެ ހަފުތާއަށް ޕްރެކްޓިސް ނުކުރެވި ތިބެންޖެހި ކުޅުންތެރިންގެ ފިޓްނަސް ހިފެހެއްޓޭގޮތް ނުވެއްޖެނަމަ ފުޓްބޯޅައަށް ވަރަށް ދެރަގޮތްތަކެއް މެދުވެރިވެދާނެ" ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ލީގު އަލުން ފެށުމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމުގެ ފަރާތުން ވަރަށް ފުރިހަމައަށް އެއްބާރުލުން ލިބެމުންދާ ކަމަށާއި އުއްމީދަކީ ވީހާވެސް އަވަހަށް ލީގުގެ ކުޅުން ފެށުން ކަމަށް ބައްސާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢައްޔަ

    ނުޖެހޭ މަޝްވަރާ ކުރާކަށް، އެފް.އޭ.އެމް އަށް އަމިއްލަ ޕީ.ސީ.އާރު މެޝިނެއް ބަހައްޓައިގެން ޓެސްޓު ނެހެދޭހާ ހިނދަކު މަޝްވަރާގެ ބޭނުމެއް ނެއި. ބޭރު ލީގުތަކުގަ ޓެސްޓު ކުރާވަރަކަށް ދިވެހި ސަރުކާރުގެ ރިސޯސް ބޭނުން ކޮށްގެން ޓެސްޓެއް ނުކޮށްދެވޭނެ. އެވަރަށް ނުކުރެވެންޏާ ލީގު ބޭއްވުން ރައްކާތެރި އެއްނޫން.

    8
    2
  2. ރޯދަ މުބާރިކް

    ޢާން ހުއްޓަންޖެހޭތާ އެބަ..! ދަނޑު މި އޮންނަނީ ފުރިބާރުވެފް ވިއްޔާ..!! ސްކޫލްތައް ބަންދު ނުކުރާތި...! މުޅި މާލެ މީހުން ގުރޫޕުހަދާފަ ދުވާ ޓްރެކް ބަންދު ނުކުރާތި...! ސިޔާސީ ނިންމުން...!!!

  3. މޫސުން

    ކަމެއް ކުރީމޭ ބުނަން ކުރި ސިޔާސީ ކަމެއް...!! ދަނޑު މި އޮންނަނީ ފުރިބާުވެފަ ސަޕޯޓަރުންނާ ހެދި.....!! ހަމ ހެވެނީ..!!

  4. ނަދާ

    ބައްސާމްގެ ލަފަޔާއި މަޝްވަރާ އެޗްޕީއޭއިން ހޯދާކަށް ނުޖެހޭނެ...
    މިވަގުތަކީ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ތިބިވަގުތެއް

  5. ލާމު

    ވަކި ގަޑިއެއްގައި ކާފިއު ހިންގުމަށާއި ވެހިކަލް ނުދުއްވޭގޮތް ހަދަން އަހަރެމެންނާވެސް މަޝްވަރާ ނުކުރޭ.