ކޮވިޑުގެ ހާލަތު މާލޭގައި ގޯސްވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުގެ ތެރެއިން ރާއްޖޭގެ ލީގު ކުއްލިގޮތަކަށް ހުއްޓާލަން ޖެހުމާއި ގުޅިގެން ކުލަބުތަކަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ސިއްހީ އިދާރާތަކަށް އިލްތިމާސެއް ކޮށްފިއެވެ.

ދަގަނޑޭ މި އިލްތިމާސް ކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބުގެ ކުޅުންތެރިންނާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކުޅުންތެރިން ބައިވެރިވިއެވެ.

ކުލަބް ވެލެންސިއާގެ ކެޕްޓަނުގެ ހައިސިއްޔަތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޮވިޑާއި ދެކޮޅަށް ސިއްހީ ހިދުމަތްތެރިން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރައްވާ މަސައްކަތް އަގުވަޒަންކުރާކަމަށެވެ. އަދި ފުޓްބޯޅައަށް ދެރައެއް ލިބޭ ކޮންމެ ފަހަރަކު އެންމެން އެކައްޗެއް ކިޔައި އެއްގޮތެއްގައި ނުކުމެ ކުރާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޓީމުތަކުގެ ކުޅުންތެރިން-- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

"އަޅުގަނޑު އެދެނީ ލީގާއި ޕްރެކްޓިސް ހުއްޓާލާފައި މިހެން އޮތުމުން މި ލިބޭ ގެއްލުންތައް ކުޑަކުރެވޭތޯ މަސައްކަތްކުރުން. އަދި ވީ އެންމެ އަވަހަކަށް ރަސްމީ އިދާރާތަކުން ވިސްނައި މިކަމަށް ހައްލެއް ހޯދައިދިނުމަށް. އުއްމީދަކީ ވީ އެންމެ އަވަަހަށް ޕްރެކްޓިސްތަކާއި ފުޓްބޯޅައިގެ ކަންކަން ފެށޭގޮތްވުން،" ދަގަނޑޭ ބުންޏެވެ.

ކުޅުންތެރިންގެ ފަރާތުން މި ޕްރެސް ތަމްސީލުކޮށްދިން ކުލަބުތަކުގެ ކެޕްޓަނުންގެ މައިގަނޑު ކަންބޮޑުވުމަކީ ނުކުޅެ ގިނަދުވަސް ވުމުން ލިބޭ ގެއްލުންތައް ބޮޑުވުމެވެ. އަދި އެޗްޕީއޭ އާއި އެފްއޭއެމުން މަޝްވަރާކޮށް ފުޓްބޯޅަ ކްލަބްތަކަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް އިސްލާހު ގެނެސްގެން ވިޔަސް ވީ އެންމެ އަވަހަށް ފުޓްބޯޅަ ހަރަކާތްތައް ފެށުމަކީ ކުޅުންތެރިންގެ ބޮޑު އުއްމީދެކެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ދަގަނޑޭ-- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ކުރިއަށް ވޯލްޑް ކަޕް ކޮލިފައިން އާއި އޭއެފްސީ ކަޕްގެ މެޗުތަކެއް ހުރިއިރު ރާއްޖެ ތަމްސީލްކުރާ ކުޅުންތެރިން މަސައްކަތް ހުއްޓާލައިގެން ތިބެންޖެހުމުން އޭގެ ގެއްލުން ރާއްޖޭގެ ކުޅިވަރަށް ވެސް ވާކަމަށް ކުޅުންތެރިން ބުނެފައިވެއެވެ.

މި މައްސަލައިގައި އަދި މިހާތަނަށް ކަމާބެހޭ އިދާރާތަކުން ވާހަކަދައްކާފައެއް ނުވެއެވެ. އަދި ކޯޗުންނާއި ޓީމުތަކުގެ އިސްވެރިންވެސް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރަން ބޭނުންވާކަމަށް ހާމަކޮށްފައެވެ.