ސްޕެނިޝް ކަޕުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި ސެވިއްޔާ އަތުން ބަލިވެ ބާސެލޯނާ އިން މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމަށް ބޮޑު ޗެލެންޖަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުން ބާސެލޯނާ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބާސާއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް މި މެޗުގައި ސެވިއްޔާގެ ކީޕަރު ޔަސިންގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެންދިޔައެވެ. އޭނާ ވަނީ މި މެޗުގައި މެސީގެ ނުރައްކާތެރި ތިން ހަމަލާއެއް ދިފާއުކޮށްފައެވެ.

ބާސާ އާއި ސެވިއްޔާ ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ ބާސާގެ ދަނޑުގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް ތިނެއްގައެވެ. މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދުމަށް ބާސާއިން އަމިއްލަ ދަނޑުގައި ތިން ގޯލު ޖަހަން ޖެހެއެވެ.

މެޗުގައި ސެވިއްޔާގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޫލްސް ކޮންޑޭއެވެ. މިއީ އޭނާގެ އިންޑިވިޖުއަލް ހުނަރުން ބާސާގެ ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެފަހުން ބާސާގެ ގްރީޒްމަން އާއި ޑެމްބެލޭ އަދި މެސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވެގެންދިޔައެވެ.

ސެވިއްޔާގެ ދެވަނަ ލަނޑު ޖެހީ ކުރިން ބާސާއަށް ކުޅުނު އިވާން ރަކިޓިޗްއެވެ. އޭނާ މި ލަނޑު ޖެހީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މެޗުގައި ބާސާގެ ޑިފެންސްލައިނުން ގިނަ ގޯސްތަކެއް ހެދިއެވެ. ހާއްސަކޮށް އުމްޓިޓީ ހެދި ގޯސްތައް ފާހަގަކުރެވެއެވެ. ނަމަވެސް ބާސާގެ ކޯޗު ވަނީ މެޗަށްފަހު އުމްޓިޓީ ދިފާއުކޮށް ވާހަކަދައްކާފައެވެ.