ފްރެންޗް ކަޕުގެ ރައުންޑް އޮފް 64 ގައި އެ ގައުމުގެ ދެވަނަ ޑިވިޝަނުގެ ކަން އަތުން ޕެރިސް ސެެއިންޓް ޖާމަން (ޕީއެސްޖީ) ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ނޭމާއަށް އަނިޔާވެ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ދެކޮޅަށް ކުޅޭ މެޗުން ނުފެނުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.

މި މެޗުން ޕީއެސްޖީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިހާތަނަށް ޕީއެސްޖީ ކުރިމަތިލި ބޮޑެތި މެޗުތަކުގައި އަނިޔާގެ ސަބަބުން ނޭމާ ކުޅެފައެއް ނުވެއެވެ. އަދި އަނިޔާގެ ރެކޯޑެއްވެސް އޭނާގެ އޮވެއެވެ.

ނޭމާއަށް އަނިޔާވެފައިވަނީ މެޗުގެ 64 ވަނަ މިނެޓުގައެވެ. އެއާއެކު އޭނާގެ ބަދަލުގައި އެމްބާޕޭ ކުޅެން ނެރުނެވެ. ނޭމާގެ މެޑިކަލް ޓެސްޓުތައް ހަދަމުން އަންނައިރު ރިޕޯޓުތައް ބުނާ ގޮތުން ނޭމާގެ ވައަތު ފައިގެ ފަލަމަސްގަނޑަށް ވަނީ ގެއްލުންވެފައެވެ. ނޭމާއަށް އަނިޔާވިޔަސް ޕީއެސްޖީގެ ކޯޗު ހުރީ ފޮނި އުއްމީދެއްގައެވެ. ކޯޗު ގަބޫލުކުރާ ގޮތުގައި ބާސާ މެޗަށް ނޭމާ ފިޓުވާނެއެވެ.

ނޭމާއަށް އަނިޔާވެ ދަނޑުމައްޗަށް ވެއްޓިފައި

ނޭމާއަކީ އަނިޔާގެ ރެކޯޑެއް އޮތް ކުޅުންތެރިއެކެވެ. ދުނިޔޭގެ ރެކޯޑު އަގެއްގައި 2017 ގައި ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވެ ލީގުގެ އެންމެ ފަހު ތިން މަހު ކުޅުމާއި ދުރުވީ ފައިގެ ކަށިތަކަށް ގެއްލުންވެގެންނެވެ. އޭގެފަހުން އެކަހަލަ އަނިޔާއެއް ޖެނުއަރީ 2019 ގަވެސް ލިބުނެވެ. އެއާއެކު ޕީއެސްޖީގެ މުހިއްމު މެޗުތަކެއް އޭނާއަށް ގެއްލި ކުލަބާއި މައްސަލަތަކެއް ވެސް ޖެހުނެވެ.

ޕީއެސްޖީގައި ނޭމާގެ ފަރާތުން އަހުލާގީ ގިނަ މައްސަލަތަކެއް ފެންމަތިިއެވެ. ހާއްސަކޮށް ކުލަބުގެ އުސޫލުތަކާއި ހިލާފަށް ކަންކަން ކުރުން ފާހަގަކޮށްލެވެއެވެ. ދާދިފަހުން ކޮވިޑުގެ އުސޫލުތަކާއި ހިލާފަށް ޕާޓީ ކުރި މައްސަލައިގައި ނޭމާ ވަނީ ފާޅުކަންބޮޑު ގޮތެއްގައި ކުލަބުގެ އުސޫލުތަކަށް ގޮންޖަހައި ވާހަކަ ދައްކައިފައެވެ. ނަމަވެސް ޕީއެސްޖީން އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ބާސެލޯނާ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ.