ލިވަޕޫލްއަށް ކުޅޭ މިސްރުގެ ހުނަރުވެރި ފޯވަޑް މުހައްމަދު ސަލާހުގެ އިންޖަރީ ރަނގަޅު ވޯލްޑް ކަޕަށް ފިޓުވާނެ ކަމަށް ސަޕޯޓަރުން ކުރަމުން އަންނަ އުންމީދަށް އޭނާ މިއަދު އިތުުރު ބާރެއް ދީފިއެވެ.

ސަލާހުއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ރެއަލް މެޑްރިޑާ ދެކޮޅަށް ލިވަޕޫލް ނުކުތް މެޗުގައި ރެއަލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އަށް ވުރެ ކުރިން ބޯޅަ އަތުލަން އުޅުމުގެ ތެރޭގައެވެ. އަނިޔާވެފައި ވަނީ ސަލާހުގެ ކޮނޑަށެވެ. އޭނާގެ އަނިޔާގެ ސަބަބުން ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި މިސްރު ކުޅޭ ފުރަތަމަ މެޗު ގެއްލޭނެ ކަމަށް ވަނީ ބެލެވިފައެވެ.

އެހެން ނަމަވެސް ސަޕޯޓަރުންނަށް ހިތްހަމަ ޖެހުމެއް ގެނުވީ މިއަދު ސަލާހު މީސް މީޑިއާގައި އާންމު ކުރި ޕޯސްޓަކުންނެވެ. އޭނާ ވަނީ އަނިޔާ އިން ރަނގަޅުވުމަށް ކުރަމުން އަންނަ މަސައްކަތް ފޮޓޯއަކުން ދައްކުވައިދީފައެވެ. ކޮނޑުގެ ކަސްރަތެއް ކުރާ މަންޒަރު ފެންނަ އެ ފޮޓީއާއެކު ސަލާހު ކެޕްޝަންގައި ޖަހާފައި އޮތީ ހަމަ އެކަނި "ފީލިން ގޫޑް" ކަމަށެވެ.

މި ޕޯސްޓާއެކު ސަލާހުގެ އިންޖަރީ ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް ރަނގަޅުވާނެ ކަމަށް މިހާރު ސަޕޯޓަރުން ދަނީ ބުނަމުންނެވެ. އަދި އޭނާއަށް މީސް މީޑިއާގައި އެތައް ބަޔަކު ދަނީ ހިތްވަރު ދެމުންނެވެ.

ސަލާހު އަކީ މިސްރު ޓީމުގައި ހުރި އެންމެ މުހިންމު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިސްރު ވޯލްޑްކަޕަށް ކޮލިފައި ކުރުމުގައި ވެސް މުހިންމު ދައުރެއް އަދާ ކޮށްފައެވެ. މިސްރު ވޯލްޑްކަޕަށް ކޮލިފައިވި ގޯލުވެސް ކާމިޔާބު ކޮށްދިނީ އޭނާއެވެ، އެހެން ކަމުން މިސްރުގެ އެތައް މިލިއަން ރައްޔިތުންނެއް ދަނީ އޭނާ ފިޓުވާނެ ކަމަށް އުންމީދު ކުރަމުންނެވެ.