ކުރިއަށްއޮތް ވޯލްޑްކަޕަށް ތައްޔާރުވުމަށްޓަކައި ޤައުމުތަކުުގެ ޤައުމީ ޓީމުތަކުން، ދަނީ އެކުވެރިކަމުގެ ފުޓުބޯޅަ މެޗުތައް ކުޅެމުންނެވެ. މިގޮތަށް ކުޅޭ މެޗުތަކުގެ ތެރެއިން ގިނަބައެއްގެ ސަމާލުކަން އެކަމަކަސް ހުއްޓޭ ގިނަ ކަންކަން ފެންނަމުންދާއިރު، މިއީވެސް އެފަދަ ހާދިސާއެކެވެ.

އެގޮތުން މި ހަފްތާގެ ތެރޭގައި ޓިއުނޭޝިއާ އާއި ޕޯޗުގަލް އާއި ކުޅުނު އެކުވެރިކަމުގެ މެޗުގެ މެދުތެރެއިން، ޓިއުނޭޝިއާގެ ގޯލްކީޕަރު މުއީޒް ހަސަން ވަނީ، ރޯދަ ވީއްލާ ވަގުތު ޖެހުމުން، ރޯދަ ވީއްލުމުގެ ފުރުސަތު ޓީމުގެ ހުރިހައި ކުޅުންތެރިންނަށް ހޯދައިދިނުމަށްޓަކައި "ފޭކް އިންޖަރީ"އެއް ދައްކައި މެޗު މެދުކަނޑާލުމަށް ރެފްރީއަށް މަޖުބޫރުކޮށްފައެވެ.

އެ މެޗު ކުޅެމުންދަނިކޮށް ރޯދަ ވީއްލާ ވަގުތު ޖެހުނީ، މެޗުގެ ދެވަނަ ހާފު ފަށައިގެން އުޅެނިކޮށެވެ. އޭރު 2-1 ގެ ނަތީޖާއަކުން ޓިއުނޭޝިއާ ބަލިވެފައިވާއިރު، މުއީޒް ހަސަން އޭނާއަށް އަނިޔާ ވެފައިވާ ކަމަށް ރެފްރީއަށް އެނގުމާއި އެކު މެޗު މެދުކަނޑާލިއެވެ. އެއާއި އެކު ޓީމުގެ މެޑިކަލް ޓީމުން ދަނޑުމައްޗަށް އަރައި އޭނާއަށް ފަރުވާދެމުން ދިޔައިރު، ބާކީ ތިބި ކުޅުންތެރިން ވަނީ ދަނޑުގެ އެއްކައިރިއަށް ގޮސް ރޯދަ ވީއްލާފައެވެ.

މި މެދުކެނޑުމަށްފަހު ކުޅުން ފަށައިގެން ހަވަނަ މިނެޓުގައި ޓިއުނޭޝިއާއިން ވަނި ޕޯޗުގަލް އާއި އެއްވަރުކޮށް ނަތީޖާ އެގޮތުގައި ހިފަހައްޓާފައެވެ. މެޗު ނިމުމާއި ހަމައަށް މި ނަތީޖާ ހިފަހައްޓާފައިވާއިރު، ޕޯޗުގަލް އަކީ ޔޫރަޕުގެ އެންމެ މޮޅު އެއް ޓީމެވެ.

ޓިއުނޭޝިއާ އިން މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެ އެ މުބާރާތައް ތައްޔާރުވަމުން މިދަނީ، މުބާރާތަށް ކޮލިފައި ނުވާތާ 12 އަހަރުވީ ފަހުންކަން ފާހަގަކޮށްލެވެއެވެ.