ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރޭ ސްވިޒަލޭންޑާއި ސްޕެއިން ބައްދަލުކުރި އެކުވެރިކަމުގެ މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ސްޕެއިންގައި ރޭ ކުޅުނު މި މެޗުގެ 29 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލު ސްޕެއިން އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ޑިފެންޑަރު އޮޑްރިއޮޒޯލާ ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ސްޕެއިން އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މި މެޗުގައި ކުޅުނުއިރު ސްވިޒަލޭންޑުން ނަތީޖާ އެއްވަރުކުރީ މެޗުގެ 62 ވަނަ މިނެޓްގައެވެ. ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެޔާ އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު ސްވިޒަލޭންޑަށް ކާމިޔާބުކޮށްދިނީ ރިކާޑޯ ރޮޑްރިގޭޒްއެވެ.

މެޗުގެ ފަހުވަގުތުކޮޅުތެރޭ ލީޑު ނަގަން ސްޕެއިންގެ ނާޗޯ އަށް ރަނގަޅު ދެ ފުރުސަތެއް ލިބިފައިވެއެވެ. އެގޮތުން އޭނާ ފޮނުވާލި އެއް ހަމަލާ ސްވިޒަލޭންޑްގެ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު އަނެއް ހަމަލާ ދިޔައި ގޯލާއި އަމާޒުނުވެ ބޭރަށެވެ.

ރޭގެ މެޗު އެއްވަރުވިއިރު ސްޕެއިންގެ ކޯޗުކަމާއި ޖޫލެން ލޮޕެޓެގީ ހަވާލުވިފަހުން އެޓީމު އަދި މެޗަކުން ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާގެ އިރުޝާދުގެ ދަށުން ސްޕެއިން އިން މިހާތަނަށް 19 މެޗު ކުޅެފައިވާއިރު 13 މެޗުން މޮޅުވެ ހަ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ.

ވޯލްޑް ކަޕްގެ ކުރިން ސްޕެއިން އިން އަދި އިތުރު މެޗެއް ކުޅޭނެއެވެ. އެގޮތުން މި މަހުގެ ނުވަ ވަނަ ދުވަހު ސްޕެއިން އިން ނިކުންނާނީ ޓިއުނީޝިޔާއާ ދެކޮޅަށެވެ.

ވޯލްޑް ކަޕްގައި ސްޕެއިން ލައްވާލާފައިވަނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ޕޯޗުގަލް އާއި އީރާންގެ އިތުރުން މޮރޮކޯއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ސްޕެއިން ނިކުންނާނީ އެންމެފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޕޯޗުގަލްއާ ދެކޮޅަށެވެ.