ސްޕެނިޝް ލީގުގައި ޑިޕޯޓިވޯ އަލަވޭސް ފަސޭހަކަމާއެކު ބަލިކޮށް ބާސާއިން ތާވަލުގެ ދެވަނަ ހޯދި މެޗުގައި ޒަވީ ހަދާފައިވާ ރެކޯޑަކާއި މެސީ އަރާ ހަމަކޮށްފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައި ވަނީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗާއެކު މެސީ ވަނީ ލަލީގާގައި ޒަވީ ބާސާއަށް ކުޅެދިން 505 މެޗާއި އަރާ ހަމަކޮށްފައެވެ.

މި މެޗުގައި މެސީގެ އިތުރުން ދެން އެންމެ ފާހަގަކޮށްލެވެނު ކުޅުންތެރިއަކީ ޒުވާން ކުޅުންތެރިޔާ ޓްރިންކާއޮ އެވެ. މިއީ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ބާސާއަށް ކުޅުނު ފުރަތަމަ މެޗެވެ. މެސީއާއި ޓްރިންކާއޮ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖެހީ ބާސާއެވެ. މެޗުގެ 29 ވަނަ މިނެޓުގައި މޮރީބާގެ އެހީއާއެކު ޓްރިންކާއޮ މި ލަނޑޫ ޖެހިއެވެ. އޭގެފަހުން މެޗުގެ 36 ވަނަ މިނެޓުގައި މެސީ ލަނޑެއް ޖެހިއެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ގޯލެއް ނޫންކަމަށެވެ. މެސީ ބޯޅަ ޖެހިއިރު އޭނާ ހުރީ އޮފްސައިޑުގައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ސާޖިއޯ ބުސްކެޓްސް ދިންް ޕާހަކުން މެސީ ވަނީ ބާސާގެ ދެވަނަ ލަނޑު ޖަހާފައެވެ.

ފުރަތަމަ ހާފު ނިމުނީ ދެ ގޯލުގެ ލީޑުން ބާސާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި އަލްވޭސްގެ ލުއިސް ރިއޯޖާ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހާފއެވެ. އޭގެފަހުން 74 ވަނަ މިނެޓުގައި މެސީގެ ޕާހަކުން ޓްރިންކާއޮ ބާސާގެ ތިންވަނަ ލަނޑު ޖެހިއިރު މި ލަނޑު ޖެހިތާ މިނެޓެއް ފަހުން މެސީ ވަނީ ބާސާގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގަައި ބާސާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޫނިއާ ފިރްޕޯ އެވެ.

މި ނަތީޖާއާއެކު ބާސާ ވަނީ ލަލީގާގެ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެ ޓީމު ދެވަނައިގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 46 ޕޮއިންޓާއެކު އެވެ. ހަމަ މި އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ތިންވަނައިގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑެވެ. އެއް މެޗު މަދުން ކުޅެގެން އެއްވަނައިގައި 54 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.