ރާއްޖޭގެ ލީގު ކުއްލިގޮތަކަށް މެދުކަނޑާލަން ޖެހުމުގެ ސަބަބުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއި ކުޅުންތެރިންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ނުލިބޭތީ އެ ކުލަބުތަކުން ަރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވައިފިއެވެ.

ކުލަބުތަކުގެ ފަރާތުން ފޮނުވި މި ސިޓީގައި އެ ކުލަބުތަކުން ވަނީ ހުރި ދަތިތަކާއި ގުޅޭގޮތުން ހައްލެއް ހޯދުމަށް އެދިފައެވެ. އަދި ކުޅުންތެރިންނަށް ލިބެމުންދާ ގެއްލުންތަކަށް ވެސް ހައްލެއް ހޯދައިދިނުމަށް އެދިފައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ތިބީ ހުއްދަދޭ ގޮތަކަށް ނޫނެވެ. އެންމެފަހުން ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) އިން ބުނީ އަދި ލީގު ފަށަން ހުއްދަ ދެވެން ނެތް ކަމަށާއި ހާލަތު ރަނގަޅު ނުވާ ކަމަށެވެ.

ރާއްޖޭގެ ލީގު ކުއްލިގޮތަކަށް ހުއްޓާލަން ޖެހުނީ މިމަހުގެ 3 ގައެވެ. ދެ ހަފުތާގެ މުއްދަތަށް ނެރުނު މި އަމުރު އަންނަ އަންގާޜަ ދުވަހު ހަމަވާއިރު ، ބެލެވޭގޮތުގައި މި އުސޫލު ދިގުދަންމާލަނެއެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ލީގު ފެށީވެސް އެޗްޕީއޭއާއި އެފްއޭއެމް ގުޅިގެން ފީފާއާއި އޭއެފްސީގެ މިންގަނޑުތަކަށް އެކުލަވާލި އުސޫލުތައް ހިމަނައިގެންނެވެ.

ކުޅުންތެރިންގެ މައިގަނޑު ކަންބޮޑުވުމަކީ ނުކުޅެ ގިނަދުވަސްވުމުގެ ސަބަބުން އެ ކުޅުންތެރިންގެ ފިޓްނަސް ދަށްވުމެވެ. އަދި އާމްދަނީއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ވެސް އެ ކުޅުންތެރިން ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން އެޗްޕީއޭ އާއި ކަމާއި ގުޅުންހުރި އިދާރާތަކުން މި މައްސަލަ ޥީ އެންމެ އަވަހަކަށް ހައްލުކޮށްދިނުމަށް ކުޅުންތެރިން ވަނީ އެދިފައެވެ.

ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ މަހު 30 ވަނަ ދުވަހު މާލޭގައި ރާއްޖޭގެ ގައުމީ ޓީމުން ސީރިއާއާ ދެކޮޅަށް ކުޅޭ މެޗު ވަނީ ޝެޑިއުލްކޮށްފަ އެވެ. ލީގު މި ގޮތަށް މެދުކަނޑާލާފައި އޮތުމުން އެ މެޗަށް ތައްޔާރުވާން ގައުމީ ޓީމުގެ ކުޅުންތެރިންނަށް އަސަރުކުރާނެ ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ވެސް ވަނީ ބުނެފަ އެވެ.

އަލުން ފުޓްބޯޅަ ކުޅެން ފެށިތާ ހަތަރު މަސް ވެސް ނުވަނީސް ލީގު ހުއްޓާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އަށް ވެސް ގޯސް އަސަރުކުރާނެ ކަމަށް ފުރަތަމަ ޑިވިޝަނުގެ ކޯޗުން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ ފުޓްބޯޅަ އަކީ މި ވަގުތު ހަމައެކަނި ކުޅިވަރެއްގެ ގޮތުގައި ވިސްނައިގެން ދޫކޮށްލެވޭނެ ކަމަކަށް ވުރެން ބޮޑަށް މީހުންގެ ދިިރިއުޅުމަށް އާމްދަނީ ހޯދަން ކުރާ މަސައްކަތެއް ކަމަށް ބަލަންޖެހޭ ކަމަށާއި އެ ގޮތަށް ބަލާއިރު ފުޓްބޯޅަ ކުރިއަށްދާން ގޮތެއް ހޯދައިދޭން ޖެހޭނެ ކަމަށް ކްލަބްތަކުން ގަބޫލުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމ

    ކަމެއްވާ ބައެއްނޫން ކޯއްޗެއް ކުޅޭކަށް.

  2. އާސާ

    ކޮވިޑްގެ މެދުތެރޭގައި ، ކުންފުނިތަކުގެ މާލީ ޙާލަތުދަށްވެ ރައްޔިތުންނަށް ޚިދުމަތްދިނުމަށް ދަތިތަކެއް ދިމާވުމާގުޅިގެން މަޝްވަރާކުރުމަށް ސަރުކާރުގެ ކުންފުނިތަކުގެ ވެރިން މީނަޔާ ބައްދަލުކުރިއެވެ. ދޮޅުގަޑިއިރަށް ދެމިގެންދިޔަ އެ ބައްދަލުވުމުގައި ކުންފުނިތަކުގެވެރިން ކުންފުނިތަކަށްދިމާވެފައިވާ ދަތި ގޮންޖެހުންތަކާމެދު މީނަޔާ ވާހަކަތައް ހިއްސާކުރިއެވެ. އަގައިންވެސް ބުނަން ނޭގި އާގަމާގަވެފައި އިދެފައި ބައްދަލުވުން ނިމުމުން " ޝުކުރިއްޔާ " އޭ ބުނެލުންނޫން ބަހެއް މީނަގެ އަގައިން ބޭރެއް ނުވިއެވެ.