އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ ރަނގަޅު ފޯމަކާއެކު ކަމަށާއި، ނަމަވެސް ޔުނައިޓެޑުން އަދިވެސް ލީގު ހޯދުމުގެ އުއްމީދު ކަނޑާނުލާ ކަމަށް އެ ކުލަބުގެ ކޯޗު ސޯލްޝެއާ ބުނެފިއެވެ.

ޔުނައިޓެޑުން އެންމެ ފަހުން ވެސްޓް ބްރޮމް އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ޔުނައިޓެޑް ވަނީ އެއްވަނައިގައި އޮތް ސިޓީއާއި ދެމެދު ފަރަގު ހަތް ޕޮއިންޓަށް ފުޅާވެފައެވެ.

އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 24 މެޗުން ލިބުނު 46 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށްވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 23 މެޗުން ވަނީ 53 ޕޮއިންޓް ލިބިފައެވެ.

މި މެޗަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން ސޯލްޝެއާ ބުނީ ޓީމުގެ އެތެރޭގައި މޮޅުވުމުގެ ރޫހެއް އާލާވާން ޖެހޭ ކަމަށާއި ތިންވަނައިގައި ޔުނައިޓެޑާއި އެއް އަދަދަކަށް ޕޮއިންޓް ހޯދާފައިވާ ލެސްޓާއިން އެއްވަނަ ހޯދުަމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މި ދެ ޓީމު ޕޮއިންޓުގެ ގޮތުން ހަމަހަމަވި ނަމަވެސް ތިން ލަނޑުގެ ތަފާތުން ކުރީގައި އޮތީ ޔުނައިޓެޑެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޔުނައިޓެޑަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.

ވެސްޓް ބްރޮމުގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި ވެސްޓް ބްރޮމް ލީޑުނެގިއެވެ. މި ލަނޑު ކާމިޔާބުކުރީ އެމްބާޔޭ ޑިޔާންޏޭއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލޫކް ޝޯ ތަނަވަސްކޮށްދިން ފުރުސަތަކުން ބްރޫނޯ ފެނާންޑޭސް ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.