ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަވަހަށް ފެށުމަށް ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކޮވިޑް-19 ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމުގެ ރައީސް ބައްްސާމް އަދީލް ޖަލީލް މިކަން ހާމަކުރެއްވީ މީސް މީޑިއާ މެދުވެރިކޮށެވެ. ބައްސާމް ވިދާޅުވީ ވީ އެންމެ އަވަހަކަށް ލީގު ފެށުމަށް ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިންނާއި މެނޭޖްމަންޓުގައި ހިމެނޭ ބޭފުޅުން އަދި ޓެކްނިކަލް މުވައްޒަފުންނަށް ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަދު ވެކްސިން ދިނުމުގެ ކަންކަން ފަށާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވަނީ މިގޮތަށް ނިންމެވުމާއި ގުޅިގެން ހެލްތް މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ) އާއި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފަށް ޝުކުރުއަދާކޮށްފައެވެ.

ކަންބޮޑުވުން ފާޅުކުރުމަށް ފުރަތަަމަ ޑިވިޝަނުގެ ކުޅުންތެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

މިގޮތަށް ނިންމާފައިވަނީ ރާއްޖޭގެ ލީގު ކުއްލިގޮތަކަށް މެދުކަނޑާލަން ޖެހުމުގެ ސަބަބުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއި ކުޅުންތެރިންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ނުލިބޭތީ އެ ކުލަބުތަކުން ަރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ. ކުލަބުތަކުގެ ފަރާތުން ފޮނުވި މި ސިޓީގައި އެ ކުލަބުތަކުން ވަނީ ހުރި ދަތިތަކާއި ގުޅޭގޮތުން ހައްލެއް ހޯދުމަށް އެދިފައެވެ. އަދި ކުޅުންތެރިންނަށް ލިބެމުންދާ ގެއްލުންތަކަށް ވެސް ހައްލެއް ހޯދައިދިނުމަށް އެދިފައެވެ.

ރާއްޖޭގެ ލީގު ކުއްލިގޮތަކަށް ހުއްޓާލަން ޖެހުނީ މިމަހުގެ 3 ގައެވެ. މި ނިންމުމަށް އަންނަ އަންގާރަ ދުވަހަށް ދެ ހަފުތާ ވާއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ލީގު ފެށީވެސް އެޗްޕީއޭއާއި އެފްއޭއެމް ގުޅިގެން ފީފާއާއި އޭއެފްސީގެ މިންގަނޑުތަކަށް އެކުލަވާލި އުސޫލުތައް ހިމަނައިގެންނެވެ. ނަމަވެސް ކުޅުން މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ކުރި މަސައްކަތުން އެޗްޕީއޭއިން އަނެއްކާވެސް އާ އުސޫލެއް އެކުލަވާލުމަށް އެންގިއެވެ.

ކުޅުން ހުއްޓާލުމާއި ގުޅިގެން ކުލަބުތަކުގެ އިސްވެރިންނާއި ކޯޗުންގެ އިތުރުން ކުޅުންތެރިން ވަނީ ވަކިވަކިން ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި އެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުޅުންތެރިންގެ މައިގަނޑު ކަންބޮޑުވުމަކަށް ވީ ނުކުޅެ ގިނަ ދުވަސްވުމުގެ ސަބަބުން އެ ކުޅުންތެރިންގެ ފިޓްނަސް ދަށްވުމެވެ. އަދި އާމްދަނީއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ވެސް އެ ކުޅުންތެރިން ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލައިލާއަލީ

    ގައުމުގައިތިބި މުސްކުޅިން އަދި ހައިރިސްކްމީހުންނަށް އަދި ނުދެވިއުޅެނިކޮށް މިމިހުންނަށް ޖެހޭތަ ޖަހަން؟ މިކަހަލަ ކަންތައްކުރާތީ އަނގަތެޅެނީ!!