ރާއްޖޭގެ ލީގު އަލުން ފެށުމުގެ ގޮތުން އަލީ އަޝްފާގު (ދަގަނޑޭ) އާއެކު ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިން މިއަދު ކޮވިޑް-19 ގެ ވެކްސިން ޖަހަން ފަށައިފިއެވެ.

ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ޕްރިމިއަރ ލީގުގައި ކުޅޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ޓެކްނިކަލް ސްޓާފުންނެވެ. ރާއްޖޭގެ ލީގު އަލުން ފަށާނީ އެންމެންނަށް ވެކްސިން ދިނުމަށްފަހު އެވެ. މިއަދުގެ އިތުރުން މާދަމާވެސް އިތުރު ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވެކްސިން ދިނުމަށް ނިންމާފައިވާކަން އެފްއޭއެމުގެ ރައީސް ބައްްސާމް އަދީލް ޖަލީލް ހާމަކުރެއްވީ މިއަދު މީސް މީޑިއާ މެދުވެރިކޮށެވެ. ބައްސާމް ވިދާޅުވީ ވީ އެންމެ އަވަހަކަށް ލީގު ފެށުމަށް ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުޅުންތެރިންނާއި މެނޭޖްމަންޓުގައި ހިމެނޭ ބޭފުޅުން އަދި ޓެކްނިކަލް މުވައްޒަފުންނަށް ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަދު ވެކްސިން ދިނުމުގެ ކަންކަން ފަށާނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ސެންޓޭ ވެކްސިން ޖަހަނީ

ބައްސާމް ވަނީ މިގޮތަށް ނިންމެވުމާއި ގުޅިގެން ހެލްތް މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ) އާއި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފަށް ޝުކުރުއަދާކޮށްފައެވެ.

ރާއްޖޭގެ ލީގު ކުއްލިގޮތަކަށް މެދުކަނޑާލަން ޖެހުމުގެ ސަބަބުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއި ކުޅުންތެރިންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލެއް ނުލިބޭތީ އެ ކުލަބުތަކުން މިއަދު ވަނީ ަރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައެވެ. ކުލަބުތަކުގެ ފަރާތުން ފޮނުވި މި ސިޓީގައި އެ ކުލަބުތަކުން ވަނީ ހުރި ދަތިތަކާއި ގުޅޭގޮތުން ހައްލެއް ހޯދުމަށް އެދިފައެވެ. އަދި ކުޅުންތެރިންނަށް ލިބެމުންދާ ގެއްލުންތަކަށް ވެސް ހައްލެއް ހޯދައިދިނުމަށް އެދިފައެވެ.

ރާއްޖޭގެ ލީގު ކުއްލިގޮތަކަށް ހުއްޓާލަން ޖެހުނީ މިމަހުގެ 3 ގައެވެ. މި ނިންމުމަށް އަންނަ އަންގާރަ ދުވަހަށް ދެ ހަފުތާ ވާއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ލީގު ފެށީވެސް އެޗްޕީއޭއާއި އެފްއޭއެމް ގުޅިގެން ފީފާއާއި އޭއެފްސީގެ މިންގަނޑުތަކަށް އެކުލަވާލި އުސޫލުތައް ހިމަނައިގެންނެވެ. ނަމަވެސް ކުޅުން މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ކުރި މަސައްކަތުން އެޗްޕީއޭއިން އަނެއްކާވެސް އާ އުސޫލެއް އެކުލަވާލުމަށް އެންގިއެވެ.

ކުޅުން ހުއްޓާލުމާއި ގުޅިގެން ކުލަބުތަކުގެ އިސްވެރިންނާއި ކޯޗުންގެ އިތުރުން ކުޅުންތެރިން ވަނީ ވަކިވަކިން ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި އެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުޅުންތެރިންގެ މައިގަނޑު ކަންބޮޑުވުމަކަށް ވީ ނުކުޅެ ގިނަ ދުވަސްވުމުގެ ސަބަބުން އެ ކުޅުންތެރިންގެ ފިޓްނަސް ދަށްވުމެވެ. އަދި އާމްދަނީއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ވެސް އެ ކުޅުންތެރިން ފާހަގަކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖިހާދު

    ޖިހާދު ކަލޭގެ

  2. ޅަބޭ

    ކޮބާ އެއުޅޭ ސޫޒަންގެ ބަހަކީ މިކަމާ ބެހޭގޮތުން؟؟! މިހާރު އިންނާނެ ސާއްލަ އިބޫ ސޯލިހުއާއެކީ ރައީސް އޮފީހުގަ ހީހީފަ ސައިބޯން.

  3. އަލި ދީދީ

    އެ ދެމީހުން ގަޔަށް ޖެހީ ކޮން ކަހަލަ ވެކްސިނެއް.. އަހަންނަށް މަޖުބޫރު ނޫން ނަމަ އަހަރެން އިންޑިއާ ވެކްސިން އަދި ޗައިނާ ވެކްސިންވެސް ނުޖަހާނަން.. ރަޝިއާ، ޖާމަން ވެކްސިން އެންމެ ރަނގަޅީ.. ރާއްޖޭގައި ވެސް އެ އެބަ ޖަހާ.. ނަމަވެސް، ހައި ކްލާސް މީހުން ގަޔަށް.. މިކަމަށް ހެކިވާނެ މީހުން އެބަތިބި.. މާތްﷲ މިބަލިން ދިވެހި ރައްޔިތުން ސަލާމަތް ކުރައްވާށި.. އާމީން..