މިއަހަރުގެ ވޯލްޑް ކަޕުގައި އިނގިރޭސި ޓީމުގެ އެއް ނަމްބަރު ކީޕަރަކަށް އެވަޓަން އަށް ކުޅެމުން އަންނަ ޖޯޑަން ޕިކްފޯޑު ހަމަޖައްސައިފިއެވެ.

މިހާތަނަށް އިންގްލޭންޑު ގައުމީ ޓީމަށް އެންމެ ތިން މެޗު ކުޅެދީފައިވާ ޕިކްފޯޑު އެންމެ ފަހުން ކުޅެފައިވަނީ ހޮނިހިރު ދުވަހު ނައިޖީރިއާ އާއި ކުޅެ 1-2 އިން އިންގްލޭންޑް މޮޅުވި މެޗުގައެވެ.

އިންގްލޭންޑް ޓީމުގެ މެނޭޖަރު ގެރެތް ސައުތް ގޭޓު ބުނާގޮތުން ވޯލްޑް ކަޕުގައި އިންގްލޭންޑުގެ ފުރަތަމަ މެޗު ޓިއުނީޝިއާ އާއި ދެކޮޅަށް ކުޅޭއިރު މިމެޗުގައި ގޯލް ކީޕަރަކަށް ކުޅޭނީ ޕިކްފޯޑު އެވެ.

"އެއް ނަމްބަރު ކީޕަރަކަށް ޕިކްފޯޑު ނެގުމަކީ ބޮޑު ނިންމުމެއް، އޭނާ ކޮޅަށް އެހާ ގިނަ ޝޮޓުތަކެއް ހެދިފައި ނުވާނަމަވެސް އޭނާގެ ނިންމުންތައް ވަރަށް ރަނގަޅު" މެނޭޖަރު ސައުތުގޭޓު ބުންޏެވެ.

ޖޯޑަން ޕިކްފޯޑުގެ އިތުރުން އިންގްލޭންޑު ޓީމުގެ ގޯލު ކީޕަރުންނަށް ހިމަނާފައިވަނީ ސްޓޯކް ސިޓީގެ ކީޕަރު ޖެކް ބަޓްލެންޑާއި ބާންލީ އަށް ކުޅެމުން އަންނަ ނިކް ޕޯޕް އެވެ. ބަޓްލޭންޑު 13 ނަމްބަރު ޖާޒީ ލާއިރު ޕޯޕް ލާނީ 23 ނަމްބަރު ޖާޒީ އެވެ.

މީގެ އިތުރުން އިންގްލޭންޑު ޓީމުގެ ޒުވާން ކެޕްޓަން ހެރީ ކޭން ޓޮޓެންހަމްގައި 10 ނަމްބަރު ޖާޒީގައި ކުޅެމުން އަންނަ ކަމުގައި ވީނަމަވެސް ގައުމީ ޓީމުގައި އޭނާ އަށް ދީފައިވަނީ 9 ނަމްބަރު ޖާޒީއެވެ. އިންގްލޭންޑް ޓީމުގެ 10 ނަމްބަރު ޖާޒީގައި ކުޅޭނީ މެންެޗެސްޓާރ ސިޓީ އަށް ކުޅޭ ރަހީމް ސްޓާލިންގެވެ.

އިންގްލޭންޑު ޓީމުގެ ޖާޒީ ނަމްބަރުތައް:-

  1. ޖޯޑަން ޕިކްފޯޑު (އެވަޓަން) 2. ކައިލް ވޯކާ (މެންޗެސްޓާރ ސިޓީ) 3. ޑެނީ ރޯސް ( ޓޮޓެންހަމް) 4. އެރިކް ޑަޔާ (ޓޮޓެންހަމް) 5. ޖޯން ސްޓޮންސް (މެންޗެސްޓާރ ސިޓީ) 6. ހެރީ މެގުއާރ (ލެސްޓާ ސިޓީ) 7. ޖެސީ ލިންގާޑު (މެންޗެސްޓާރ ޔުނައިޓެޑު) 8. ޖޯޑަން ހެންޑަސަން (ލިވަޕޫލް) 9. ހެރީ ކޭން (ޓޮޓެންހަމް) 10. ރަހީމް ސްޓާލިންގް (މެންޗެސްޓާރ ސިޓީ) 11. ޖޭމީ ވާޑީ (ލެސްޓާ ސިޓީ) 12. ކެރަން ޓްރިޕްލާ (ޓޮޓެންހަމް) 13. ޖެކް ބަޓްލެންޑް (ސްޓޯކް ސިޓީ) 14. ޑެނީ ވެލްބެކް (އާސެނަލް) 15. ގޭރީ ކެހިލް (ޗެލްސީ) 16. ފިލް ޖޯންސް (މެންޗެސްޓާރ ޔުނައިޓެޑު) 17. ފެބިއަން ޑެލްފް (މެންޗެސްޓާރ ސިޓީ) 18. އޭޝްލީ ޔަންގް (މެންޗެސްޓާރ ޔުނައިޓެޑް) 19. މާކަސް ރެޝްފޯޑު (މެންޗެސްޓާރ ޔުނައިޓެޑު) 20. ޑެލެ އަލީ (ޓޮޓެންހަމް) 21. ރޫބެން ލޮފްޓަސް ޗީކް (ޗެލްސީ) 22. އެލެކްސެންޑާ އާނޮލްޑް (ލިވަޕޫލް) 23. ނިކް ޕޯޕް (ބާންލީ)