މެންޗެސްޓަރ ޔުނައިޓެޑުން ފަހަކަށް އައިސް ކުޅުނު މެޗުތަކުގައި ކުޅުމުގެ ފުރުސަތު ނުދޭ ކަމަށާއި އޭގެ ސަބަބުން ފޯމު ވަރަށް ދަށްވި ކަމަށް ދާދިފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑު ދޫކޮށް ވެސްޓް ހޭމްއަށް ސޮއިކުރި އިނގިރޭސި މިޑްފީލްޑަރ ޖެސޭ ލިންގާޑް ބުނެފިއެވެ.

އުމުރުން 28 އަހަރުގެ ލިންގާޑް ވެސްޓް ހޭމާ ގުޅުނީ ލޯނު އުސޫލުން މި ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް ފަހަކަށް އައިސް ޔުނައިޓެޑު ކުޅުނު މެޗުތަކުގައި އޭނާއަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބިފައެއް ނުވެއެވެ.

މީޑީއާއަކުން ކުރި ސުވާލަކަށް ޖަވާބުދެމުން ލިންގާޑް ބުނީ އެންމެ ކުރީގެ ފޯމަށް އެނބުރި އަންނަން ދުވަސް ނަގާނެ ކަމަށާއި ލޮކްޑައުންއާއި ގުޅިގެން ނުކުޅެ ހުރުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައި ނަަމަވެސް ޔުނައިޓެޑުން އޭނާގެ ބޭނުން ނުހިފީ ކަމަށެވެ.

"އަހަރެން ވެސްޓް ހޭމްއަށް ބަދަލުވާން ނިންމީވެސް އެ ސަބަބާހުރެ، ބޭނުންވަނީ ގިނަ މެޗުތަކެއް ކުޅެ ކުޅުން އިތުރަށް ރަނގަޅުކުރުން، ބޭނުންވަނީ މި ސީޒަނުގައި ވެސްޓް ހޭމްއަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދިނުން، ވެސްޓް ހޭމްގެ މެނޭޖްމަންޓުން ވަރަށް އެއްބާރުލުންދޭ، ވަރަށް ގާތުން ކަންކަން އަހަރެންގެ ކަންކަން ބަލާ" އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

ލޯނު އުސޫލުން ވެސްޓް ހޭމަށް ލިންގާޑް ބަދަލުވިއިރު، އޭނާ ދަނީ އެ ކުލަބުތައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް އޭނާ ކުޅުނު މެޗުތަކުން ދެއްކި މޮޅު ކުޅުމާއެކު އޭނާގެ އެއްބަސްވުން ދާއިމީކުރަން ވެސްޓެ ހޭމް އިން ދަނީ މަސައްކަތްކުރަމުންނެވެ.

ލިންގާޑް ވަނީ ލޯނު އެއްބަސްވުންތަކުގެ ދަށުން އިނގިރޭސި ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގެ ބައެއް ކުލަބުތަކަށް ކުޅެފައެވެ. އޭގެ ކުރިން 2011 ވަނަ އަހަރު ޔުނައިޓެޑުން ސީނިއާ ކެރިއަރު ފެށި ލިންގާޑް ވަނީ މިހާތަނަށް އެ ކުލަބަށް 210 މެޗު ކުޅެދީ 33 ލަނޑު ޖަހާދީފައެވެ.

އެކަމަކު މި ފަހުން ޔުނައިޓެޑުގެ ފުރަތަމަ އެގާރައިން ލިންގާޑަށް ފުރުސަތު ލިބުން މަދުވެފައިވާއިރު، މި ސީޒަނުގައި އޭނާ ޔުނައިޓެޑަށް ކުޅެދީފައިވަނީ އެންމެ ތިން މެޗެވެ. ނަމަވެސް މީގެ ކުރިން އޭނާ ވަނީ ޔުނައިޓެޑާއެކު އެފްއޭ ކަޕާއި، އިނގިރޭސި ލީގު ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑުގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.