ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގައި ދިމާވި ހާދިސާ އަކާއި ގުޅިގެން ޔުއެފާ އިން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޗެމްޕިއަންސް ލީގު ދެމެޗަށް ސަސްޕެންޑު ކޮށްފިއެވެ.

10 އޭޕްރިލް ގައި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލް ބައްދަލު ކުރި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް މެޗްގެ ހާފު ބްރޭކުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރެފްރީ އާއި ޒުވާބު ކުރުމުގެ ސަބަބުން ވަނީ ބެންޗުން ފޮނުވާލާފައެވެ. އެކަމުގެ އަދަބެއްގެ ގޮތުން މިއަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު 2 މެޗުގައި އޭނާ އަށް ސިޓީ ބެންޗުގައި ނުހުރެވޭނެއެވެ.

ގާޑިއޯލާ އާއި މެދު ފިޔަވަޅު އަޅާފައި ވާއިރު ލިވަޕޫލް އިން ވެސް ވަނީ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައެވެ. ސެމީ އަދި ކުއާޓާ ފައިނަލުގައި ލިވަޕޫލް ސަޕޯޓަރުންގެ މެދުގައި ހިނގި ހާދިސާގެ ސަބަބުން އެކްލަބު ވަނީ 30000 ޔޫރޯ އިން ޖޫރިމަނާ ކޮށްފައެވެ.

ނަމަވެސް ގާޑިއޯލާ ބުނާގޮތުން އެމެޗުގައި ރެފްރީ އަކަށް ހުރި މަޓެއު ލަހޮޒް އާއި ވާހަކަ ދެއްކި އިރު ޒުވާބު ކޮށްފައެއް ނުވާނެއެވެ. މިހާދިސާ ހިނގި އިރު ސިޓީ ވަނީ 0-1 ގެ ނަތީޖާ އަކުން ކުރީގައެވެ. ނަމަވެސް ދެވަނަ ލެގު ކަމަށް ވުމާއެކު އެގްރިގޭޓު ނަތީޖާ އިން ލިވަޕޫލް ވަނީ 1-3 ގެ ނަތީޖާ އަކުން ކުރިހޯދާފައެވެ.