ބާސެލޯނާއިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ކާމިޔާބުކުރި ހަތަރު ލަނޑާއެކު މޮޅުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީން ބަދަުލ ހިފައިފިއެވެ.

ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީ ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެންމެ ފާހަގަކޮށްލެވުނީ ކީލިއަން އެމްބާޕޭގެ ކުޅުމެވެ. އޭނާގެ ފަރާތުން މޮޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔަ އެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ނޭމާ އާއި ޑިމާރިއާ ކުޅެފައެއް ނުވެއެވެ.

މެޗުގައި ބާސާއިން ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ލިބުނ ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން ބާސާގެ ފްރެންކީ ޑި ޔޮންއަށް ފައުލުކުރުމާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ. ނަމަވެސް ބާސާއަށް ލީޑު ހިފަހައްޓާލެވުނީ މަދު ވަގުތުކޮޅަކަށެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓުފަހުން އެމްބާޕޭގެ މޮޅު ހުނަރާއެކު އެމްބާޕޭ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ވަރަށް ރީތިކޮށް ބާސާގެ ޑީފެންސްލައިން ފޫއަޅުވާލުމަށްފަހު އެމްބާޕޭ ޖެހި ލަނޑެކެވެ.

ފުރަތަމަ ހާފު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ. ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ޕީއެސްޖީންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު ޖެހިތާ ފަސް މިނެޓުފަހުން ޕީއެސްޖީން ކާމިޔާބުކުރި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލޯނު އުސޫލުން ދާދިފަހުން އެވަޜޓަން ދޫކޮށް ޕީއެސްޖީއާއި ގުޅުނު މޮއިސް ކީންއެވެ

މެޗުގައި އެމްބާޕޭ ހެޓްރިކް ފުރިހަމަކުރި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. މި ހާފުގައި ބާސާއަށް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް ޕީއެސްޖީގެ ފަހަތް ފެނުނީ ވަރަށް ވަރުގަދަކޮށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގު ކުޅޭނީ އަންނަ މާރޗް 11 ގައެވެ. މި މެޗު ކުޅޭނީ ޕީއެސްޖީގެ ދަނޑުގައެވެ.