ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ އާރްބީ ލައިޕްޒީގް އަތްދަށުކޮށް އިނގިރޭސި ކުލަބް ލިވަޕޫލުން ކުއާޓާފައިނަލުގެ އުއްމީދު ބޮޑުކޮށްފިއެވެ.

ހަންގޭރީގައި ކުޅުނު މި މެޗު ލިވަޕޫލް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިއީ ޖަރުމަނުގައި ކުޅެން އޮތް މެޗެކެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑް ހާލަތު ގޯސްވުމައި ގުޅިގެން މި މެޗު ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހެއެވެ. ނަމަވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔަ އެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އެވެ. މިއީ ލައިޕްޒީގުގެ މާސެލް ސަބިޓްޒާ ހެދި ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހު ލައިޕްޒީގް އަށްވެް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް މި މެޗުގައި ލިވަޕޫލުން ވަނީ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައެވެ. މެޗުގައި ލިވަޕޫލްގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ސަލާހް ލަނޑު ޖެހިތާ ފަސް ވަރަކަށް މިނެޓު ފަހުންނެވެ. ޖޯންސްގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ސަޑިއޯ މާނޭ އެވެ.

މެޗަށްފަހު ލައިޕްޒިގްގެ ކޯޗު ވަނީ ހަންގޭރީގައި މެޗު ކުޅެން ޖެހުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޓީމުގެ ފަރާތުން މާ އެދެވޭ ކުޅުމެއް މި މެޗުގައި ނުފެންނަ ކަމަށްވެސް ކޯޗު ބުނެފައިވެއެވެ. ނަމަވެސް ދެވަނަ ލެގުގައި ރަނގަޅު ނަތީޖާއަކަށް އުއްމީދުކުރާ ކަމަށް ބުންޏެވެ. އަނެއްކޮޅުން ލިވަޕޫލްގެ ކޯޗު ވަނީ މި މޮޅާއެކު ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަން ބުނެފައެވެ. ނަމަވެސް ރަނގަޅުކުރަން ޖެހޭ ކަންކަން ހުރިކަން ފާހަގަކުރި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އާއި ލައިޕްޒިގް ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ އަންނަ މާރޗް މަހުގެ 11 ގައެވެ. މި މެޗު ކުޅޭނީ ލިވަޕޫލްގެ ދަނޑުގައެވެ.