މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ އަށް އެފްރިކާގެ ކުޅުންތެރިން ކަމުނުދާ ކަމަށް ސިޓީ އަށް ކުރިން ކުޅުނު އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭ ބުނެފިއެވެ.

ގާޑިޔޯލާ އަށް ޓޫރޭ ފާޑުކިޔާފައިވާއިރު މީގެކުރިން ޓޫރޭގެ އެޖެންޓު ވެސް ވަނީ ގާޑިޔޯލާ އަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. ގާޑިޔޯލާ އާއި ޓޫރޭގެ ގުޅުން ގޮސްވެފައިވަނީ 2010 ވަނަ އަހަރު ބާސެލޯނާގެ ކޯޗަކަށް ގާޑިޔޯލާ ހުރިއިރު ޓޫރޭ ވިއްކާލަން ނިންމުމާ ގުޅިގެންނެވެ.

ބާސާ ދޫކޮށްލުމަށްފަހު ޓޫރޭ ސިޓީ އަށް ބަދަލުވިއިރު އޭނާ ވަނީ އެ ކްލަބުގައި އަށް އަހަރު ހޭދަކޮށްފައެވެ.

ފްރާންސްގެ ކުޅިވަރު މެގަޒިންއަކަށް ދިން އިންޓަވިއުއެއްގައި ޓޫރޭ ބުނީ ސިޓީގައި އޭނާ ހޭދަކުރި ފަހު ސީޒަން މުޅިން ހަރާބުކޮށްލަން ގާޑިޔޯލާ އަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމުގެ އިހުސާސް ކުރެވުނު ކަމަށާއި އޭނާއާ މެދު ގާޑިޔޯލާ ކަންތައް ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.

"ސުވާލަކީ އެފަދަ ގޮތަކަށް އިނިއެސްޓާ އާއި މެދު ގާޑިޔޯލާ ކަންތައް ކޮށްފާނެހޭ؟ ބައެއް ފަހަރު އަހަރެން ހިތަށްއަރާ މިކަން މިހެން ދިމާވީ އަހަރެންގެ ގައިގައި ހުރި ކުލައެއްގެ ސަބަބުންނޭ ވެސް. މިއީ ހަމައެކަނި އަހަރެން ބުނާ އެއްޗެއް ނޫން. ބާސާ އަށް މީގެކުރިން ކުޅުނު ބައެއް ކުޅުންތެރިން ވެސް އަމިއްލަ ނަފްސާގައި ހަމަ މި ސުވާލުކޮށްފައިވޭ. ގާޑިޔޯލާ ކޯޗުކޮށްދިން ހުރިހާ ތަނެއްގައި ވެސް އެފްރިކާގެ ކުޅުންތެރިންނާއި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވޭނެ" ޓޫރޭ ބުންޏެވެ.

އެފްރިކާގެ ކުޅުންތެރިން ކަމުނުދާ ކަމަށް ގާޑިޔޯލާ އެއްބަސްނުވާނެ ކަމަށާއި އޭނާއަކީ އެއަށްވުރެ މާ ވިސްނުން ތޫނުފިލި މީހެއް ކަމަށްވެސް ޓޫރޭ ބުންޏެވެ.

"ގާޑިޔޯލާ ނެރޭ ފުރަތަމަ އެގާރައިން އެފްރިކާގެ ފަސް ކުޅުންތެރިއަކަށް ފުރުސަތު ދީފިނަމަ، އަހަރެން ގާޑިޔޯލާ އަށް ކޭކެ ފޮނުވާނަން. މިއީ އަހަރެންވާ ވައުދެއް" ޓޫރޭ ބުންޏެވެ.

އުމުރުން 35 އަހަރުގެ ޓޫރޭ ދެއްކި މި ވާހަކަތަކާ ގުޅިގެން ގާޑިޔޯލާ އަދި ސިޓީން ވެސް އެއްޗެއްކޭ އަދި ބުނެފައެއް ނުވެއެވެ.

އެފްރިކާގެ ކުޅުންތެރިން ގާޑިޔޯލާ އަށް ކަމުނުދާ ކަމަށް ޓޫރޭ ބުނެފައިވާއިރު ސިޓީން މިހާރު ވެސް އަންނަނީ ލެސްޓަ ސިޓީ އަށް ކުޅެމުން އަންނަ ރިޔާދު މަހްރޭޒް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. މަހްރޭޒް އަކީ އެފްރިކާގެ ގައުމެއް ކަމަށްވާ އަލްޖީރިޔާ އަށް އުފަން ކުޅުންތެރިއެކެވެ.