ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަބުރުގައި އިޓަލީގެ ޔުވެންޓަސް އަތުން ޕޯޗުގަލްގެ ޕޯޓޯއަށް މޮޅުވެވުނީ މެޗުގެ ކުރީކޮޅު އެ ޓީމަށް ވެދުމަށް ދިނުމާއެކު މުޅި މެޗު އުނދަގޫވުމުން ކަމަށް ޔުވެންޓަސްގެ ކޯޗު ޕިރްލޯ ބުނެފިއެވެ.

ޔޫރަޕުގެ މުބާރާތެއްގައި ޔުވެންޓަސް ފުރަތަމަ ފަހަރަށް ޕޯޓޯ އަތުން ބަލިވި މި މެޗު ޕޯޓޯ ކާމިޔާބުކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ޔުވެންޓަސްއަށް ހަމަނޭވާ ނުލެވެނީސް ޕޯޓޯއިން ވަނީ އެ ޓީމުގެ ޑިފެންސްލައިން ފޫއަޅުވާލުމަށް ފަހު ލަނޑެއް ޖަހާފައެވެ. ޔުވެންޓަސްގެ ރޮޑްރިގޯ ހެދި ގޯހެއްގެ ފައިދާ ނަގައިގެން މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި މި ލަނޑު ކާމިޔާބުކުރީ މެހްދީ ޓަރޭމީ އެވެ.

ޕޯޓޯގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގައި ކާމިިޔާބުކުރި ގޯލެކޭ އެއްގޮތަށް ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޫސަ މަރޭގާއެވެ. މެޗު ނިމެން ގާތްވެފައި ވަނިކޮށް ޔުވެންޓަސްއަށް ސުން ކަނޑުވާލަދިނީ ފެޑެރިކޯ ކިއޭސާ އެވެ.

މެޗަށްފަހު ޕިރްލޯ ވަނީ ޓީމުގެ ކުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ ބުނީ މެޗުގެ ކުރީކޮޅު ޕޯޓޯ އިން ޖެހި ލަނޑަކީ ރިހި ތަބަކަކަށް ލާފައި ވެދުމަށް ދިން ގޯލެއް ކަމަށެވެ. އެ ގޯލަށްފަހު ޔުވެންޓަސްގެ ކުޅުން އެއްކޮށް ހަލާކުވެގެން ދިޔަކަމަށް ޕިރްލޯ ބުންޏެވެ.

"ޕޯޓޯއިން އެމީހުން ބޭނުންވި ގޮތަށް ކަންތައް ކޮށްފި، އެމީހުން ވަރަށް ރަނގަޅަށް ޔުވެންޓަސް ދަސްކޮށްގެން ކުޅުނީ، މިއީ ދެވަނަބުރުގައި އެއްގޮތަކަށް ވެސް ދެކެން ބޭނުންވި ކުޅުމެއް ނޫން" މެޗަށްފަހު ޕިރްލޯ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މި ދެ ޓީމުގެ ދެވަނަ ލެގު ކުޅޭނީ އަންނަ މަހުގެ 10 ގައެވެ. މި މެޗު ކުޅޭނީ ޔުވެންޓަސްގެ ދަނޑުގައެވެ.