މިއަހަރު ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕް ފުޓުބޯޅަ މުބާރާތުގެ ދެކުނު އޭޝިއާ ޒޯންގެ ގްރޫޕް ސްޓޭޖު މެޗުތައް ބާއްވަން ޝައުގުވެރިކަން ފާޅުކޮށް ރާއްޖެއާއި އިންޑިއާއިން ބިޑު ހުށައަޅައިފި އެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އޭއެފްސީން ނިންމާފައިވަނީ މުބާރާތުގެ މެޗުތައް ސެންޓްރަލައިޒްކޮށް އެއް ދަނޑެއްފައި ކުޅުމަށެވެ. މިދިޔަ މުބާރާތްވެސް ބާއްވަން ރާއްޖެއިން ބިޑުކުރި އެވެ. ނަމަވެސް އޭއެފްސީން ވަނީ އެންމެ ފަހުވަގުތު މުބާރާތް ކެންސަލްކޮށްފައެވެ.

ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއަގެ އޭޓީކޭ މޯހަން ބަގަން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އެވެ. މި ގްރޫޕުގެ ދެން އޮތް ޖާގަ ކަށަވަރުވަނީ ކޮލިފައިން ބުރުން ކުރިހޯދާ ޓީމަކަށެވެ. ކޮލިިފައިންގައި ވާދަކުރާ ޓީމުތަކަކީ ރާއްޖޭގެ އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ އިތުރުން އިންޑިއާގެ ބެންގަލޫރު އެފްސީއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެކުރިން ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތެއްގެ މެޗުތަކެއް ހޯސްޓްކުރަން ބިޑްކޮށް އެކަން ކާމިޔާބުވެފައި އޮއްވައި ވަކި ހިސާބަކުން ހުއްޓާލަން ޖެހިއްޖެނަމަ އެއީ ފަސޭހަކަމަކަށް ނުވާނެ ކަމަށާއި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ބާއްވަން ރާއްޖޭން ބިޑްކުރާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލިބެން ޖެހޭ ޔަގީންކަން ލިބުމުން ކަމަށެވެ. އަދި ކާމިޔާބުވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

މުބާރާތުގެ ދެކުނު އޭޝިއާ ޒޯނުގެ ކޮލިފިކޭޝަން އޭޕްރީލް 7 އިން 21 ގެ ނިޔަލަށެވެ. އަދި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި 14 އިން 20 ގެ ނިޔަލަށެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ކެންސަލްކުރި އިރު ރާއްޖޭގެ ދެ ޓީމު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދާފައެވެ. އަދި މުބާރާތް ހުއްޓާލާފައިވަނީ މެޗުތަކެއް ކުޅެފައިވަނިކޮށެވެ. ނަމަވެސް އެންމެ ފަހު ވަގުތު މުބާރާތް ކެންސަލްކުރީ ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން ރާއްޖެ ހިމެނޭ ޒޯނު ފިޔަވާ އެހެން ޒޯނުތަކުން މުބާރާތް ބާއްވާނެ ގައުމެއް ކަނޑަނޭޅުމުގެ ސަބަބުންނެވެ. މިދިޔަ ފަހަރު މުބާރާތަށް ޝައުގުވެރިކަން ފާޅުކުރި ހަމައެކަނި ގައުމަކީ ރާއްޖެއެވެ.