ކޮވިޑުގެ ހާލަތާއި ގުޅިގެން ހުއްޓާލާފައިވާ ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަނެއްކާވެސް ފެށުމަށް ކުރާ މަސައްކަތުގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ރާއްޖޭގެ ލީގު އަލުން ފެށުމަށް މަސައްކަތްކުރަނީ ލީގުގެ ހުރިހާ ކުލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ޓެކްނިކަލް ސްޓާފުންނަށް ވެކްސިން ދިނުމަށްފަހު އެވެ. މިކަމާއި ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންނަަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީ ނިމިފައިވާ ކަމަށެވެ.

ލީގު އަލުން ފެށުމަށްޓަކައި އިދާރާތަކުގެ އެންގުންތަކަށް ކުޅުންތެރިންނާއި އޮފިޝަލުން އަމަލުކުރަމުން އަންނަ ކަމަށާާއި ވީ އެންމެ އަވަހަކަށް ލީގު އަލުން ފެށުމުގެ ހުއްދަ ލިބޭނެކަމުގެ އުއްމީދު ކުރައްވާކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ

ވެކްސިން ދިނުމަށް ނިންމާފައިވާކަން އެފްއޭއެމުގެ ރައީސް ބައްްސާމް އަދީލް ޖަލީލް ހާމަކުރެއްވީ މީގެ ފަސްދުވަސް ކުރިންނެވެ. މިކަން ހާމަކުރެއްވި ދުވަހު ކުލަބުތަކުގެ އިސްވެރިން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވާ އެ ކުލަބުތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ރާއްޖޭގެ ލީގު ކުއްލިގޮތަކަށް ހުއްޓާލަން ޖެހުނީ މިމަހުގެ 3 ގައެވެ. މި ނިންމުމަށް އަންނަ އަންގާރަ ދުވަހަށް ދެ ހަފުތާ ވާއިރު، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ލީގު ފެށީވެސް އެޗްޕީއޭއާއި އެފްއޭއެމް ގުޅިގެން ފީފާއާއި އޭއެފްސީގެ މިންގަނޑުތަކަށް އެކުލަވާލި އުސޫލުތައް ހިމަނައިގެންނެވެ. ނަމަވެސް ކުޅުން މެދުކަނޑާލުމަށް ފަހު އަލުން ފެށުމަށް ކުރި މަސައްކަތުން އެޗްޕީއޭއިން އަނެއްކާވެސް އާ އުސޫލެއް އެކުލަވާލުމަށް އެންގިއެވެ.

ކުޅުން ހުއްޓާލުމާއި ގުޅިގެން ކުލަބުތަކުގެ އިސްވެރިންނާއި ކޯޗުންގެ އިތުރުން ކުޅުންތެރިން ވަނީ ވަކިވަކިން ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި އެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުޅުންތެރިންގެ މައިގަނޑު ކަންބޮޑުވުމަކަށް ވީ ނުކުޅެ ގިނަ ދުވަސްވުމުގެ ސަބަބުން އެ ކުޅުންތެރިންގެ ފިޓްނަސް ދަށްވުމެވެ. އަދި އާމްދަނީއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ވެސް އެ ކުޅުންތެރިން ފާހަގަކޮށްފައި ވެއެވެ.