ކޮވިޑް-19 އަށް ފައްސިވެގެން ފަރުވާދެމުން ދަނިކޮށް ރޮނާލްޑީނިއޯގެ މަންމަ ޑޮނާ މިގުއެލީނާ މަރުވެއްޖެއެވެ.

ރޮނާލްޑީނިއޯ އަކީ ބްރެޒިލްގައި އުފެދުނު ފާހަގަ ކޮށްލެވޭ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއެކެވެ. އޭނާގެ ހުނަރު އެންމެ ފުރިހަމަ އަށް ފެނިގެން ދިޔައީ ބާސެލޯނާގައި ކުޅުނު ދުވަސްވަރުއެވެ.

އުމުރުން 71 އަހަރުގެ ޑޮނާ މަރުވީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ޑޮނާ އަށް ރޮނާލްޑީނިއޯގެ އިތުރުން އިތުރު ދެކުދިން ލިބިފައި ވެއެވެ.

ޑޮނާ މަރުވުމުން ވަރަށް ގިނަ ކުރީގެ ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން އަދި ޓީމްތަކުގެ ވެރިންނާއި ކޯޗުން ވެސް ގެންދަނީ ރޮނާލްޑީނިއޯ އާއި އޭނާގެ އާއިލާ އަށް ތައުޒިއާ ފޮނުވަމުންނެވެ.

ބްރެޒިލް އަކީ ކޮވިޑް-19ގެ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެގައުމުން 10.1 މިލިއަން މީހުން ކޮވިޑަށް ފައްސިވެ ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 245000 އަށް އަރާފައެވެ. އިއްޔެ ވެސް އެގައުމުން 1212 މީހަކު ކޮވިޑް ޖެހިގެން މަރުވިއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ބްރެޒިލްގައި ވެސް މިހާރު ވަނީ ވެކްސިން ދޭން ފަށާފައެވެ. ނަމަވެސް އަދި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަކަމަކަށް ތަފާސް ހިސާބުތަކަކުން ނުދައްކައެވެ.