ލިވަޕޫލްއަށް ކުޅޭ މިސްރުގެ ހުނަރުވެރި ފޯވަޑް ސަލާހު ނިމިގެން މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ގޯލުތަކެއް ޖަހާާފައިވާއިރު ކުރިއަށް އޮތް ސީޒަނުގައި އަދި މާ ގިނަ ގޯލު ޖަހާނެ ކަމަށް އޭނާގެ ޓީމްމޭޓް އޭންޑީ ރޮބާޓްސަން ބުނެފިއެވެ.

ނިމިގެން ދިޔަ ސީޒަނުގައި ލިވަޕޫލްގެ ޑިފެންސްލައިނުގައި މުހިންމު ދައުރެއް އަދާ ކުރި ރޮބާޓްސަން ދާފި ފަހުން ބުނީ ސަލާހު ގޯލު ޖަހާ މިންވަރަކީ އާދައާއި ހިލާފު މިންވަރެއް ކަމަށާއި އަދި އޭނާއަށް ގޯލު ޖަހަން ފުރުސަތު ލިބޭ މިންވަރުވެސް ވަރަށް ގިނަ ކަމަށެވެ. އަދި ނިމިގެން ދިޔަ ސީޒަނުގައި ސަހާލު ފުރުސަތްތަކުގެ ބޭނުން ހިފި ނަމަ މާ ގިނަ ގޯލު ޖެހުނީސް ކަމަށް އޭނާވެސް ގަބޫލު ކުރާ ކަމަށް ރޮބާޓްސަން ބުންޏެވެ.

ރޮބާޓްސަން ބުނީ ސަލާހުއަށް ފުރުސަތުތައް ލިބެނީ އޭނާއަށް ރަނގަޅު ޕޮޒިޝަންތަކަށް އަރަން އެނގޭތީ ކަމަށެވެ. އަދި އެ ޕޮޒިޝަންތަކަށް އަރަން އޭނާއަށް އެނގުމުން އަމިއްލަ ނަފްސަށް އޭނާ ކުރާ އިތުބާރު އިތުރުވެ ގޯލު އިތުރަށް ޖެހޭ ކަމަށެވެ.

ސަލާހު އަކީ "ވަން ސީޒަން ވަންޑާ" އެއް ނުވަތަ އެންެމެ ސީޒަނެއްގައި މޮޅު ކުޅުމެއް ދައްކާފައި ދެން ފަނޑުވެގެންދާ ފަދަ ކުޅުންތެރިއެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެކަމަށް ރައްދު ދެމުން ރޮބާޓްސަން ބުނީ ސަލާހު ކުރިއަށް އޮތް ސީޒަންތަކުގައި އިތުރަށް ކުޅުން ރަނގަޅު ކުރާނެ ކަމާއި މެދު ޝައްކެއް ނުކުރާ ކަމަށާއި، ކުރިއަށް އޮތް ސީޒަންތަކުގައި އޭނާ އަދި އިތުރަށް ގޯލު ޖަހާނެ ކަމަށެވެ.

ޗެމްޕިއަންސް ލީގު ފައިނަލުގައި ކޮނޑަށް ލިިބުނު އަނިޔާއަކާއި ގުޅިގެން މިހާރު ސަލާހު ދަނީ ފަރުވާ ހޯދަމުންނެވެ. އޭނާ މިސްްރުގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމަނާފައިވާއިރު ގިނަ ބަޔަކު އުންމީދު ކުރަނީ އޭނާ ވޯލްޑްކަޕުގައި ފެނިގެންދާނެ ކަމަށެވެ.