ގިނަ ދުވަސްތަކެއް ވަންދެން ޑޭވިޑް ޑިހެއާ ރެއާލް މެޑްރިޑަށް ބަދަލުވާކަމަށް މީސް މީޑިއާގައި ދައުރުވާ ނަމަވެސް ޑިހެއާ މިހާރު ވިސްނަނީ ވޯލްޑް ކަޕާއި މެދު ގައި ކަމަށް އޭނާ ބުނެފިއެވެ.

މެދު ކެނޑުމެއް ނެތި ރެއާލް މެޑްރިޑަށް އޭނާ ބަދަލުވާން އުޅޭކަމުގެ އަޑުތައް ފެތުރެމުން އައި ނަމަވެސް އެކަމަށް މާބޮޑު އަޅާލުމެއް ނުދީ ޑިހެއާ ބުނެފައިވަނީ މެންޗެސްޓާ ޔުނައިޓެޑުގައި އޭނާ ކުޅެމުން އަންނަނީ ހިތް ހަމަޖެހިގެން ކަމަށެވެ.

މިހާރު ދުނިޔޭގެ އެންމެ މޮޅު ކީޕަރު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ ޑިހެއާ އޯލްޑް ޓްރެފޯޑުގެ ފެށުން އެހާ ރަނގަޅަށް ނުދިޔަކަމުގައި ވިޔަސް އޭނާ ވަނީ ޔުނައިޓެޑު ފާއިތުވި ގިނަ ސީޒަންތަކުގައި މެންޗެސްޓާ ޔުނައިޓެޑުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށް ވެފައެވެ.

ރެއާލް މެޑްރިޑަކީ ދުވަހަކުވެސް އެތްލެޓިކޯ މެޑްރިޑަށް ކުޅެފައިވާ ކުޅުންތެރިޔަކު އެޓީމަށް ގެންނަން މަސައްކަތް ކޮށްފައިވާ ކްލަބެއް ނޫނެވެ. ނަމަވެސް އެތައް ފަހަރެއްގެ މަތިން ޑިހެއާ ގެންނަން ރެއާލް މެޑްރިޑުން ވަނީ މަސައްކަތް ކޮށްފައެވެ.

"އަހަރެން މިހާރު މިހުރީ ވަރަށް ހިތްހަމަ ޖެހިގެން، މިހާރު މުހިންމު ވަނީ ވޯލްޑްކަޕު، ރަނގަޅު ކުޅުމެއް ދައްކައި ޓީމު ކުރިޔަށް ގެންދިޔުމަށް. މުހިންމު ދުވަހަކީ ޖޫން 15. އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިގެން،" ސްވިޓްޒަލޭންޑާއި ދެކޮޅަށް ސްޕޭން ކުޅުނު އެކުވެރި ކަމުގެ މެޗަށްފަހު ޑިހެއާ ބުންޏެވެ.

ޑިހެއާ އަކީ މިހާރު މެންޗެސްޓާ ޔުނައިޓެޑު އަދި ސްޕޭންގެ ގައުމީ ޓީމުގެ އެއް ނަމްބަރު ގޯލް ކީޕަރެވެ.