ވަގުތު" އިން އިންތިޒާމް ކޮށްގެން ބާއްވާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މިފަހަރުވެސް އައްޑޫ ސިޓީ ހިތަދޫގައި ބޭއްވުމަށް ނިންމައިފިއެވެ.

މި މުބާރާތް އޮންނާނީ ހިތަދޫ މަނިކު ދަނޑުގައެވެ. މިދިޔަ އަހަރުވެސް މި މުބާރާތް ބޭއްވި އެ ދަނޑުގައެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ މުޅި ރާއްޖެ އަށް ހުޅުވާލާފައެވެ. ކުލަބު ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން އޮފީސްތަކަށާއި ރިސޯޓްތަކަށް ވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

މުބާރާތުގެ ފޯމް މިމަހުގެ 20 ވަނަ ދުވަހާއި ހަމައަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަހެވެ. މުބާރާތް ފަށަން ހަމަޖެހިފައި ވަނީ ޖުލައި 20 ވަނަ ދުވަހު އެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކޮންމެ ޓީމަކުން 5000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމް 9657764‬ އަށް ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.

މިއަހަރު ބާއްވާ މުބާރާތުގެ ޗެމްޕިއަން ޓީމަށް 120000 (އެއްލައްކަ ވިހިހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ރަނައަޕް ޓީމަށް 30000 (ތިރީސް ހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ލިބޭނެއެވެ.

ކޮންމެ އަހަރެއްގެ ފިތުރު ޢީދުގައި ބާއްވަން އިއުލާން ކޮށްފައިވާ ފުޓްސަލް މުބާރާތް މިއަހަރު ލަސް ކުރަން ނިންމީ ފިތުރު ޢީދާއި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދާ ދުވަސްވަރާއި ދިމާވާތީ މުބާރާތް ލަސްކޮށްދިނުމަށް މުބާރާތުގައި ބައިވެރިވާން ބޭނުންވާ ގިނަ ޓީމްތަކުން އެދުމުންނެވެ.

މިދިޔަ އަހަރު ބޭއްވި ފުޓްސަލް މުބާރާތް ފައިނަލް މެޗްގައި ޕެނަލްޓީ ޖަހައިގެން މޯލްޑިވިއަން ބަލިކޮށް ކާމިޔާބު ކުރީ އެފްސީ ބޭރުމަތި އެވެ.