ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 އަށް އިނގިރޭސި ދެ ކުލަބް ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގަދަ 16 ގެ ޖާގައެއް އާސެނަލް ހޯދާފައިވަނީ އާސެނަލްގެ ދަނޑުގައި ބެންފީކާ އާއި ދެކޮޅަށް ކުޅުނު ދެވަނަ ލެގު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެގްރިގޭޓް ނަތީޖާ ކަމަށްވާ 4-1 އިންނެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރި އިރު، މެޗުގެ 21 ވަނަ މިނެޓުގައި ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ކާމިޔާބުކުރި އެވެ. ނަމަވެސް ހާފުގެ ކުޅުނުް ނިމެން ގާތްވެފައި ވަނިކޮށް ޑިއޯގޯ ގޮންސަލްވެސް ވަނީ ލަނޑެއް ޖަހައި، ބެންފީކާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ރަފާ ސިލްވާގެ ލަނޑުން ބެންފީކާއިން ލީޑު ނެގިއެވެ. ނަމަވެސް އެ ލީޑު ހިފަހައްޓާލެވުނީ ހަ މިނެޓަށެވެ. އެންމެ ފަހުން ކިއެރަން ޓިއެރްނީ ވަނީ ލަނޑެއް ޖަހައި، އާސެނަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެޗުން އާސެނަލް މޮޅުވި ލަނޑު ޖަހާފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އޮބާމަޔަން އެވެ.

އިނގިރޭސި ކުލަބް މެންޗެސްޓާރ ޔުނައިޓެޑުން ގަދަ 16 އަށް ދަތުރުކޮށްފައިވަނީ ދެވަނަ ބުރުގައި 4-0 ގެ އެގްރިގޭޓް ނަތީޖާއަކުން ރެއާލް ސޮސިއެޑާޑް ބަލިކޮށްގެންނެވެ. މި މެޗުގައި ހިމެނޭ ހަތަރު ގޯލުވެސް ފެނުނީ ދެވަނަ ހާފުގައެވެ. މިދިޔަ ހަފުތާގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 4-0 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވިއިރު، ބުރާސްފަތި ދުވަހުގެރޭ ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑެއް ޖަހަން އެންމެ ހުސް ފުރުސަތެއް ލިބިފައިވަނީ ސޮސިއެޑާޑަށެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި ސޮސިއެޑާޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ މިކޭލް އޮޔަރްޒަބަލް ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. މިއީ އޭރިއާ ތެރެއިން ސޮސިއެޑާޑުގެ އަންދޯނީ ގޮރޮސަބެލަށް ޔުނައިޓެޑުގެ ޑެނިއަލް ޖޭމްސް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި ނަތީޖާތަކާއެކު ޔޫރޮޕާ ލީގުގެ ގަދަ 16 މިހާތަނަށް ދަތުރުކޮށްފައިވާ ޓީމުތަކާކީ ދެވަނަ ބުރުގެ ނަތީޖާތަކަށްފަހު އޭސީ މިލާން، ރޯމާ، އަޔަކްސް އަދި ރޭންޖާސްވެސްއެވެ.