ޝަހްތަރު ޑޮނެޓްސްކް އަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

އުމުރުން 25 އަހަރުގެ ފްރެޑް ޔުނައިޓެޑަށް ބަދަލުވީ 47 މިލިއަން ޕައުންޑުގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ފްރެޑް އަކީ މިފަހަރުގެ ޓްރާންސްފާގައި ޔުނައިޓެޑަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.

ފްރެޑް ޔުނައިޓެޑަށް ބަދަލުވެފައިވާއިރު އޭނާ ހޯދުމަށް މިދިޔަ ޖެނުއަރީ ޓްރާންސްފާގައި މެންޗެސްޓަރ ސިޓީން ވެސް މަސައްކަތް ކުރިއެވެ. ފްރެޑްގެ ބަދަލުގައި ސިޓީން މިހާރު ހޯދަން މަސައްކަތް ކުރަނީ ނަޕޯލީ އަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯއެވެ.

2013 ވަނަ އަހަރު ޝަހްތަރު ޑޮނެޓްސްކާއި ގުޅުނު ފްރެޑް އަކީ މިފަހަރުގެ ވޯލްޑް ކަޕަށް ބްރެޒިލް އިން ނެގި 23 ކުޅުންތެރިންގެ ސްކޮޑުން ވެސް ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ.

ފްރެޑްގެ އިތުރުން ޔުނައިޓެޑުން އަންނަނީ ޕޯޓޯ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޒުވާން ޑިފެންޑަރު ޑިއޯގޯ ޑަލޮޓް ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

މި ޓްރާންސްފާތަކާއެކު ޔުނައިޓެޑަށް ކުޅެމުން އަންނަ މަޓެއޯ ޑާމިއަން އާއި ޑޭލީ ބްލިންޑް އެ ކްލަބު ދޫކޮށްލާނެ ކަމަށް މިހާރު ވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ. އެގޮތުން ޔުނައިޓެޑް ދޫކޮށްލުމަށްފަހު ޑާމިއަން ބަދަލުވާނީ ޔުވެންޓަސް އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.