ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާއި ބައްދަލުކުރި މެޗަށްފަހު ރެފްރީ އަށް އަމާޒުކޮށް ޔުވެންޓަސްގެ ގޯލްކީޕަރު ޖިއާންލުއިޖީ ބުފޮން ދެއްކި ވާހަކަތަކާ ގުޅިގެން އޭނާ ތިން މެޗަށް ސަސްޕެންޑްކުރަން ޔޫއެފާ އިން ނިންމައިފިއެވެ.

ރެއާލް އާއި ޔުވެންޓަސް ބައްދަލުކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު 0-3 އިން ރެއާލް އިން ކާމިޔާބުކޮށްފައިވަނިކޮށް ދެވަނަ ލެގުގައި ޔުވެންޓަސް އިން ވަނީ ރެއާލް ކޮޅަށް ތިން ގޯލު ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ 3-3 އިން އެއްވަރުކޮށްފައެވެ. ނަމަވެސް ދެވަނަ ލެގުގެ މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވާން ކައިރިވެފައިވަނިކޮށް އެ މެޗުގެ ރެފްރީ މައިކަލް އޮލިވާ ވަނީ ރެއާލް އަށް ޕެނަލްޓީއެއް ދީފައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އެ މެޗުން ރެއާލް މޮޅުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރެފްރީ އެ ޕެނަލްޓީ ދިނީ ރެއާލްގެ ވަޒްކުއޭޒް އަށް ގޯލު ކުރިމަތިން ޔުވެންޓަސްގެ މެހްދީ ބެނާޓިއާ ކުރި ފައުލަކާ ގުޅިގެންނެވެ. އެ ޕެނަލްޓީ ދިނުމުން ބުފޮން ހިތްހަމަނުޖެހުން ފާޅުކުރިއިރު ރެފްރީ ވަނީ އޭނާ އަށް ރަތްކާޑެއް ވެސް ދައްކާފައެވެ.

އަދި މެޗަށްފަހު ބުފޮން ވަނީ ރެފްރީ އަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ބުފޮން ބުނީ އޮލިވާގެ ހިތެއް ނެތް ކަމަށާއި އޭގެ ބަދަލުގައި އޮތީ ކުނި ކޮތަޅެއް ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން ބުފޮން ތިން މެޗަށް ސަސްޕެންޑް ކޮށްފައިވާއިރު އޭނާ ވަނީ މިދިޔަ ސީޒަނަށްފަހު ޔުވެންޓަސް ދޫކޮށްލާފައެވެ. ބުފޮން ވަނީ ޔުވެންޓަސްގައި 17 އަހަރު ހޭދަކޮށްފައެވެ.

އުމުރުން 40 އަހަރުގެ ބުފޮން ދެން ބަދަލުވުން ކައިރީ ފްރާންސްގެ ޕީއެސްޖީ އަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ބުފޮން ޕީއެސްޖީ އަށް ބަދަލުވެއްޖެނަމަ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީން ކުޅޭ ފުރަތަމަ ތިން މެޗުގައި އޭނާ އަށް ނުކުޅެވޭނެއެވެ.