ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކުލަބުތައް ފަރިތަކުރުންތައް ކުރިޔަށްގެންދިއުމަށް އެކުލަވާލި އުސޫލުތަކާއި އެއްގޮތަށް ކުރިޔަށްދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހުއްދަދިން ނަމަވެސް، ފަރިތަކުރުންތައް މަޑުޖައްސާލަން އެދިފައިވާތީ ކުލަބުތަކާއި މަޝްވަރާކުރަން އެފްއޭއެމުން ނިންމައިފިއެވެ.

މި ހުއްދަ ދޭން ނިންމާފައިވާކަން ހާމަކޮށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އެޑްރެސްކުރައްވާ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާފައިވާ ސިޓީއެއް މީގެ އެއްދުވަސް ކުރިން ވަނީ ފޮނުވާފައެވެ.

މި ސިޓީގައި ބުނެފައިވަނީ އެފްއޭއެމުން އަލަށް ހެދި އުސޫލުތަކުގެ ދަށުން ކުލަބުތަކަށް ފަރިތަކުރުންތައް ކުރިއަށްގެންދިޔުމުގެ ހުއްދަދީފައިވާ ކަމަށެވެ. އެކަމަކު ކޮވިޑް-19 ގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވަމުން އަންނަ ކަމަށާއި، އެހެންކަމުން ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އަންގާ ކަމަށްވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.

ފަރިތަކުރުންތައް ފެށުމުގެ ހުއްދި ދިން ނަމަވެސް މި ދުވަސްވަރު ކޮވިޑުގެ ކޭސްތައް އިތުރުވަމުން އަންނާތީއާއެކު، ފަރިތަކުރުންތައް ފެށުން އިތުރު ދެ ހަފުތާއަށް ފަސްކުރުމަށް އެދޭ ކަމަށްވެސް އެޗްޕީއޭއިން އެފްއޭއެމަށް އެޑްރެސްކޮށް ފޮނުވި ސިޓީގައިވެއެވެ. އެފްއޭއެމުން ކުލަބުތަކާއި މަޝްވަރާކުރަނީ އެޗްޕީއޭއިން އެގޮތަށް އެދިފައިވާތީ އެވެ

ލީގުގެ ކުޅުން ފެށުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ޓެކްނިކަލް ސްޓާފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއަށްފަހު ކުޅުންތެރިން ވަނީ ވީހާވެސް އަވަހަށް ފަރިތަކުރުންތައް ފެށުމަށް އެދި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ.

ކޮވިޑުގެ ވޭދަނަތައް މާލޭ ސިޓީގައި އިތުރުވަމުން ދިއުމާއި ގުޅިގެން ރާއްޖޭގެ ލީގު ކުއްލިގޮތަކަށް ހުއްޓާލަން ޖެހުނީ މިމަހުގެ 3 ގައެވެ. ތިން ހަފުތާއަށްފަހު ކުލަބުތަކަށް ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ދިންއިރު، ލީގު ފެށީވެސް އެޗްޕީއޭއާއި އެފްއޭއެމް ގުޅިގެން ފީފާއާއި އޭއެފްސީގެ މިންގަނޑުތަކަށް އެކުލަވާލި އުސޫލުތައް ހިމަނައިގެންނެވެ.