އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ހޯދި މޮޅާއެކު ޖެހިޖެހިގެން 20 މެޗުން މޮޅުވެ، ތާވަލުގެ އެއްވަނައިގައިވާ މެންޗެސްޓަރ ސިޓީން އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ސިޓީ ވަނީ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މީގެއިތުރުން މިއީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ މޭސްތިރިކަމުގެ ދަށުން އެ ޓީމު ހޯދި 200 ވަނަ މޮޅުކަން ފާހަގަކޮށްލެވެއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ މެންޗެސްޓަރ ސިޓީންނެވެ. ކެވިން ޑި ބްރޭނާ ނަގައިދިން ހުރަހަކުން މި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ޖަހައިދިނީރުބެން ޑިއާޒް އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓް ހޭމް ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ އެވެ.

މެޗުން ސިޓީ މޮޅުވި ލަނޑު ކާމިޔާބުކޮށްފައި ވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ރިޔާދު މާރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްފައިވަނީ ސިޓީގެ ޑިފެންޑަރ ޖޯން ސްޓޯންސް އެވެ.

މި މޮޅާއެކު ސިޓީ އޮތީ ކުޅުނު 26 މެޗުން ލިބުނު 62 ޕޮއިންޓާއެކު އެއްވަނައިގައެވެ. އެ ޓީމާއި އެންމެ ކައިރިން ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 25 މެޗުން ލިބިފައިވަނީ 49 ޕޮއިންޓެވެ.